އެސްޓީއޯ ސްޕަމާޓުގައި މިއަދު ތަޢާރަފްކުރި ދިވެހި އުފެއްދުންތަކަށް ޚާއްޞަ ހަރުގަނޑު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޝާން ވިދާޅުވީ އެސްޓީއޯ ސްޕަމާޓުގައި މިހާރުވެސް 32 ފަރާތެއްގެ 60 އަށްވުރެ ގިނަ އުފެއްދުން ވިއްކަމުން އަންނަ ކަމަށެވެ.
އާޝާން ވިދާޅުވީ އެސްޓީއޯ ސްޕަމާޓުގައި ބަހައްޓައިގެން ތަކެތި ވިއްކުމުގެ ފުރުޞަތު އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށާއި އެކަމަށް އެދޭ ފޯމް ފުރުމުން އުފެއްދުމުގެ ފެންވަރު ބަލައި އެއީ އެކަށީގެންވާ ފެންވަރުގެ އުފެއްދުމެއް ނަމަ ކޮންމެ ފަރާތަކަސްވެސް ފުރުޞަތު ލިބޭނެ ކަމަށެވެ.
އާޝާން ވިދާޅުވީ މިއަދު ތަޢާރަފްކުރި ހަރުގަނޑުގައި ބަހައްޓާފައި ވަނީ މިހާރުގެ އެންމެ މަޤްބޫލް އަދި އެންމެ ޕެކިންގ ފެންވަރު ރަނގަޅު ބާވަތްތައް ކަމަށެވެ. މިހަރުގަނޑުން ޖާގަ ދެއްވުމުގައި ކަސްޓަމަރުންެގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބޭ އުފެއްދުންތަކަށް އިސްކަން ލިބިގެންދާނެ ކަމަށެވެ. އަދި އެފަދަ އުފެއްދުންތައް ފާހަގަކުވެސް ކުރެވޭނެ ކަމަށެވެ. "އަލަށް ލިބޭ މުދަލަށް ޚައްޞަ ބައެއްވެސް ހުންނާނެ. މިހަރުން ޖާގަ ލިބުމަކީ އުފެއްދުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމާ ތަކެތީގެ ފެންވަރު ހިފެހެއްޓުމާއި މެދުނުކެނޑި ލިބެންހުރުމަކީ އެންމެ މުހިން ކަންކަން.
އާޝާން ވިދާޅުވީ ދިވެހި އުފެއްދުންތައް ކޮބައިތޯ ސްޕަމާޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ސުވާލުކުރާ ކަމަށާއި މިއަދު ބެހެއްޓި ދިވެހި އުފެއްދުންތަކަށް ޚާއްޞަ ހަރަކީ އެފަފަދަ ސުވާލުތަކަށް އެސްޓީއޯ ސްޕަމާޓުން ދިން ޖަވާބެއް ކަމަށެވެ.
ފާޠިމަތު އާޝާން ވިދާޅުވީ އެސްޓީއޯ ސްޕަމާޓުން މިހާރު ލިބެންހުރި ދިވެހި އުފެއްދުންތަކުގެތެރޭގައި ފުވަމުލަކުން ފެށިގެން އުތުރުގެ އަތޮޅުތަކުގެ އުފެއްދުންތައް ހިމެނޭ ކަމަށެވެ.