އަތުގައި ފައިސާ އާއި ތަނަވަސްކަން ހުރުމުން ނުވަތަ އެނޫން ގޮތަކުން މަގުފަހިވެގެން ނަމަވެސް މައްކާއަށް ދެވުމަކީ ހައްޖުވެވުން ނޫންކަމަށް ވިދާޅުވެ އިމާމަކު ހައްޖުވެރިންނަށް ވަރުގަަދ ދަރުސެއް ދެއްވައިފިއެވެ.
ހަރަމްފުޅު ސަރަހައްދުގައި ދަރުސް ދެއްވަމުން އިމާމް ވިދާޅުވީ ހައްޖަށް ނިޔަތްގަނެ ދަތުރަށް ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން އެއްވެސް މީހަކަށް ނުވަތަ ބައަކަށް އަދާކުރަންޖެހޭނަމަ އެ ހައްޤު އަދާކުރަންޖެހޭނެ ކަމަށާއި އަދި އެއްވެސް މީހަކާއިމެދު ކުށެއް ކުރެވިފައިވާނަމަ އެ ކުށަކަށް މަޢާފަށްވެސް އެދެންޖެހޭނެ ކަމަށެވެ.
"ކަލޭމެން ހައްޖުވުމަށް އައިސް ތިތިބީ އެކަންކަން ފުރިހަމަކޮށްގެންތަ؟ ނޫންނަމަ އެކަމަށް އަދިވެސް އަވަސްވެގަނޭ. އަތުގައި ތިގެންގޫޅޭ ފޯނުން ގުޅައި މީސްތަކުންގެ ހައްޤުތައް އަދާކުރޭ. ދަރަނިތައް އަދާކުރޭ. ހައްޤު ނޫން ގޮތުގައި މީހެއްގެ ފައިސާ ބޭނުންކުރެވިފައިވާނަމަ އެ ފައިސާ އެއިގެ ހައްޤުވެރިންނަށް އަދާކުރަންޖެހޭނެ. އަދި ޙައްޤު ނޫން މުޢާމަލާތަކުން އެއްވެސް މަންފާއެއް ލިބިގަނެވިފައިވާނަމަ އެކަންވެސް އަނބުރާ ރުޖޫއަކުރޭ." އިމާމް ވިދާޅުވެފައިވެއެވެ.
"އަދިވެސް ފުރުޞަތު އެބައޮތް. އަރަފާތު ދުވަސް އޮތީ ކުރިއަށް. ޙައްޖު ލިބޭކަމަށް ގޮތެއް ނިމިގެންދާނެ ދުވަހަކީ އަރަފާތު ދުވަސް. ކުށްތަކުން ފޯވެގެން ހުރެ އަރަފާތު ބިމަށް ނުގޮސްބަލަ. ތައުބާވޭ. މީސްތަކުންގެ ހައްޤުތައް އަދާކުރޭ. އެއިރުން ހައްޖު ލިބޭނީ."
އިމާމް ވިދާޅުވީ އަދުލުވެރި ނޫން ގޮތަކަށް މީހެއްގެ މައްޗަށް ޙުކުމެއް ކުރެވިފައިވާނަމަ އެއީވެސް މައާފަށް އެދެންޖެހޭނެ ކަމެއް ކަމަށެވެ. ފުރިހަމައަށް ތައުބާ ވެވޭނީ އެފަދަ ކަމަކުން މީހެއްގެ ހައްޤު ގެއްލިފައިވާނަމަ އެކަމަށް ބަދަލުދީ މަޢާފްވެސް ހޯދުމުން ކަމަށެވެ.
އިމާމުގެ ދަރުސް އަޑުއަހަން ތިބި ގިނަބައެއްގެ ލޯތަކުން ކަރުނަ ފައިބަމުން ދިއަކަމަށް މީޑިއާގައި މައުލޫމާތު ހާމަކޮށްފައިވެއެވެ.
ހައްޖަށް ގޮސްތިބޭ މީހުންނަށް ހަރަމްފުޅު ވަށައިގެންވާ އިމާރާތްތަކުގައާއި ހާމަ ސަރަހައްދުތަކުގައި ދީނީ އިލްމުވެރިން ކޮންމެ އަހަރަކުވެސް ދަރުސް ދެއްވައެވެ.