ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ވިދިވިދިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް ދިނުމަށް ފާސްކޮށްފިއެވެ.
މިރޭ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 107.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 20 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ. މި އާއެކު ހިއްސާގެ ފައިދާގެ ގޮތުގައި އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް 370 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.
2016 ވަނަ އަހަރު ބީއެމްއެލްއިން ޓެކްސްއަށްކެނޑުމަށްފަހު%61 ގެކުރިއެރުމަކާއެކު 1.02 ބިލިއަންރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު،ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
ލޯނު ދޫކުރެވޭ ނިސްބަތް އިތުރުވަމުންދާއިރުއުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ. 2016 ވަނަ އަހަރު ބޭންކުން ޚިދުމަތްތައް ފުޅާކުރުމަށާއި އުމްރާނީ ތަރައްޤީއަށް އަދި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މީގެ ތެރޭގައި 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ އަލަށް ހުޅުވާފައިވެއެވެ.
ހިއްސާދާރުންނާއި މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ " ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް ތިޔަ ކުރެއްވި އިތުބާރަށާއި ބެހެއްޓެވި އިޚްލާސްތެރިކަމަށްޓަކައި ހިއްސާދާރުންނަށް ޝުކުރުދަންނަވަން. މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރަކަށްވުމާއެކު ހިއްސާދާރުންނަށް ބެހުމަށް ބޭންކުގެ ބޯޑުން ރެކޯޑް މިންވަރެއް ހުށަހެޅުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް ވުމާއެކު އަޅުގަނޑުމެންގެ 280,000 ކަސްޓަމަރުންނަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން. ޚާއްސަކޮށް މިދިޔަ އަހަރު އަޅުގަނޑުމެންނާ އަލަށް ގުޅުނު 19 ހާސް ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރު ފާހަގަކޮށްލަން. ތިޔަ ބޭފުޅަންނަށް އެހީތެރިވުމަށް އަޅުގަނޑުމެން ކެނޑިނޭޅި ހީވާގިކަމާއެކު މަސައްކަތްކުރަމުންގެންދާނަން." ކަމަށެވެ.