ގަލްފް ކްރާފްޓް ކުންފުނީގެ ޕްރައިރިޓީ ޕާޓްނަރަކަށް އެމްޓީސީސީ ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ގަލްފް ކްރާފްޓް ކުންފުނީގެ ޕްރައިރިޓީ ޕާޓްނަރަކަށް އެމްޓީސީސީ ހަމަޖައްސައިފި
ދުނިޔޭގެ ބޯޓް ބިލްޑިންގ އިންޑަސްޓްރީގައި އެންމެ ުފުޅައުދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ގަލްފް ކްރާފްޓް އިން ރާއްޖޭގައި އުޅަނދުފަހަރު ބަނުމުގައި ޕްރައިޓީ ޕާޓްނަރަކަށް އެމްޓީސީސީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ މިރަސްމިއްޔާތަށްޓަކައި ރާއްޖެވަޑައިގެންނެވި ގަލްފް ކްރާފްޓް ދުބާއީގެ ސީއީއޯ އަރވިން ބަމްޕްސް އާއި އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ.

މިރޭ ހޮޓެލް މެލާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ ގަލްފް ކްރާފްޓް ފަދަ ދުނިޔޭގެ އެންމެ މަޤްބޫލު ކުންފުންޏަކާއި ގުޅިގެން މަސައްކަތްކުރުމަކީ އަދި އެފަދަ ބޮޑު ކުންފުންޏެއްގެ ޕްރައިރިޓީ، ޕްރިފަރޑް ޕާޓްނަރަކަށް އެމްޓީސީސީ ހަމަޖެހުމަކީ އެމްޓީސީސީއަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް އަދި ކުރިއެރުމެއް ކަމަށެވެ. މިކަމުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ގަލްފްކްރާފްޓުން ރާއްޖޭގައި ބަންނަ އުޅަނދުފަހަރުގައި އެމްޓީސީސީ އިން އެތެރެކޮށް މާކެޓްކުރާ ސުޒުކީ އިންޖީނު އެޅުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ސުޒުކީ އިންޖީނަކީ ރާއްޖެއަށް ބަލައިފިނަމަ އެންމެ ބޮޑަށް އިތުބާރުލިބިފައިވާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ވަރަށް ބާރަށް މާކެޓް ފުޅައުވަމުން އަންނަ އިންޖީނެއް ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ވެވުނު އެއްބަސްވުމެއް. މުޅި ރާއްޖޭގައިވެސް ސުޒުކީ އިންޖީނަށް ލިބެމުން އަންނަ އިތުބާރުގެ ބޮޑުކަމުން ގަލްފްކްރާފްޓުންވެސް ސުޒުކީ އިންޖީން މިބަލައިގަތީ. މިފަދަ އެއްބަސްވުމެއް އެމްޓީސީސީ އާއިއެކު ޤާއިމުކުރިކަމަށްޓަކައި ގަލްފް ކްރާފްޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ޒިޔަތު ވިދާޅުވީ ގަލްފްކްރާފްޓް އަކީ ރާއްޖޭގައި އެކަނިވެސް މަހަކު 12 ވަރަކަށް އުޅަނދު ބަނދެ ބާލަމުން އަންނަ ކުންފުންޏަކަށްވާއިރު މިއެއްބަސްވުމުގެ ސަބަބުން އެމްޓީސީސީގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެމްޓީސީސީއަކީ އިންޖީނު ސަޕްލައިކުރުމުގެ އިތުރުން އުޅަނދުފަހަރު ބަނުމަށް ބޭނުންވާ ހުރިހާ ސާމާނުވެސް ސަޕްލައި ކުރުމުގެ ޤާބިލުކަން ލިބިފައިވާ އަދި މިހާރުވެސް ފުޅައުދާއިރާއެއްގައި މާކެޓްކުރަމުން ގެންދާ ކުންފުންޏެކެވެ. އެހެންކަމުން މިފަދަ އެއްބަސްވުމެއްގެ ސަބަބުން އެމްޓީސީސީއަށް ވަރަށް ބޮޑެތި ފައިިދާތަކެއް ކުރާނެއެވެ.

ޒިޔަތު މިރޭ ވިދާޅުވީ ސުޒުކީ އިންޖީނަކީ ރާއްޖޭގެ ބާޒާރަށް ބަލައިފިނަމަ ތިމާވެއްޓާއި އެންމެ ރައްޓެހި އިންޖީނު ކަމަށާއި ގަލްފް ކްރާފްޓުން ސުޒުކީ އިންޖީނު އިޚްތިޔާރުކުރި އެއް ސަބަބަކީވެސް އެއީ ކަމަށެވެ.

އަރވިން އާއި ޒިޔަތުވެސް ވިދާޅުވީ މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި މިފެށުމުގެ ތެރެއިން ދެ ކުންފުންޏަށްވެސް ވަރަށް ފައިދާހުރި އިތުރު ގިނަ ކަންތައްތައް ފެށިގެންދާނެ ކަމަށެވެ.

އަރވިން ވިދާޅުވީ ގަލްފް ކްރާފްޓުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ސަލާމަތީ ގޮތުން ރައްކައުތެރި އިތުބާރުކުރެވޭ އުޅަނދުފަހަރު ބަނުމަށް ކަމަށެވެ. "އެހެންވީމާ އަބަދުވެސް އިސްކަންދޭންޖެހެނީ ފެންވަރު ރަނގަޅު އިތުބާރު ހިފޭ ތަކެތި ބޭނުންކުރަން. އިތުބާރު ހިފޭތަކެތި ލިބޭނީ އިތުބާރުހިފޭ ބައިވެރިންނާއިއެކު މަސައްކަތްކޮށްގެން. ގަލްފްކްރާފްޓުން ޔަޤީން ކުރަނީ އެމްޓީސީސީއަކީ ހުރިހާ ގޮތަކުންވެސް އިތުބާރު ހިފޭ ބައިވެރިއެއް ކަމަށް." ކަމުގައިވެސް އަރވިން ވިދާޅުވިއެވެ.
މިއަދު އޮންލައިން