ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާސްކެޓްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން ތަމްރީންކުރުމަށް އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ ދިވެހި މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައިވެފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ތަމްރީންތަކަށް އެހީތެރިވުމާއި އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްވެސް ބޭންކުން އެހީތެރިވެދޭނެއެވެ. އަދި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ތެރެއިން 1,000 ކުޅުންތެރިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި 16 އަހަރުން ދަށުގެ ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ ތަމްރީން ޕްރޮގްރާމްގައި ޒުވާން ޓީމުތައް ބޭނުންކުރާނެ ބީއެމްއެލް ބްރޭންޑެޑް ޖަރޒީތައް ދައްކާލާފައެވެ.
ނޭޕާލްގައި އޮންނަ ސައުތު އޭޝިޔަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި މި ޓީމު ވާދަކުރާއިރު ބޭނުންކުރާގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ގިފްޓް ކާޑެއް މި ރަސްމިއްޔާތުގައި ބޭންކުން ވަނީ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފައެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ބޭންކަށް ވަރަށް ޚާއްސަ ސްޕޮންސަރޝިޕެއް ކަމަށެވެ. އަދި މިހާރުވެސް މިދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވަމުން ކަމަށެވެ.
" އޭގެ ތެރެއިން ކުޅިވަރު ކުޅޭ ޒުވާން އަންހެން އަދި ފިރިހެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ބޭނުންވޭ. ބާސްކެޓްބޯޅައަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކުޅިވަރެއްކަމުގައިވާތީވެ މިކަމަށް އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޚާއްސަ އުފަލެއް." އޭނާ ވިދާޅުވިއެވެ.
މި އަހަރު ކުރީކޮޅު ބީއެމްއެލް ވަނީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރ ގޮތުގައި ހަމަޖައްސާފައެވެ.
"އަހަރެންގެ ބޭންކް" ޝިއާރުގެ ދަށުން މިއަހަރު މިހާތަނަށް ބީއެމްއެލްއިން ރާއްޖޭގެ އެކި މުޖުތަމައުތަކުން 30 ޖަމިއްޔާއަކަށް ވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.