ނިމިގެން ދިއަ 2016 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ވެސް އެމްޓީސީސީއަށް ކާމިޔާބު، ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިއަ އަހަރެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށްފަހު މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ ރަނގަޅަށް ބަލައިލުމުން ހުރިހާ ދާއިރާތަކުންވެސް މިފެންނަނީ ކުރިއެރުން ކަމަށެވެ. މުހިންމު ހުރިހާ ދާއިރާތަކުން މިވަނީ 30 އިންސައްތަ އާއި ގާތްކުރާ އަދަދެއްގެ ކުރިއެރުންތައް ހޯދާފައި ކަމަށެވެ.
"މިދިއަ އަހަރަކީ ކުންފުނީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވި އަދި ނަތީޖާ ވެސް ހޯދުނު އަހަރެއް. ފައިދާގެ ގޮތުގައި ހިއްސާއަކަށް މިއަހަރު މިދެވެނީ 48 ރުފިޔާ. އެމީހެްއގެ ފައިސާ އިން 50 ރުފިޔާ ޚަރަދުކޮށްގެން ގަނެފައިވާ ކޮންމެ ހިއްޞާއަކަށް މިއަހަރު 49 ރުފިޔާ ލިބޭނެ.)
ޒިޔަތު މިމޭރުމުން ވިދާޅުވެފައި އެވަނީ އެމްޓީސީސީ ގނެފައިވާ ކޮންެމެ ހިއްޞާއަކަށް އިތުރު 1 ހިއްޞާ ބޯނަސް ހިއްޞާއެއްގެ ގޮތުގައި ދާދިފަހުން ދީފައިވާތީއެވެ. އެކަމުގެ ސަބަބުން ކޮންމެ ހިއްޞާއެއް ދެ ހިއްޞާއަށް ބަދަލުވެގެން ގޮސްފައިވާތީއެވެ.
ކުންފުނީގެ ޑިރެކްޓަރުންެގ ބޯޑަށް ޢާންމު މެންބަރުންގެ ފަރާރުން ރޭ ހޮވި 4 މެންބަރުންނަކީ ނަޝްރަތު މުޙައްމަދު، ޢާއިޝަތު ފަޒީނާ، މުޙައްމަދު ފަރުޝަތު އަދި މަންޞޫރު ޒުބައިރުއެވެ.
އެމްޓީސީސީ އިން މިއަހަރު ފައިދާގެ ގޮތުގައި ހިއްޞާ ދާރުންނަށް 34 މިލިއަން ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ. ޙިއްޞާދާރުންނަށް ލިބެންޖެހޭ ފައިސާ ކުރިއަށް އޮތް 1 މަސްދުވަސްތެރޭގައި އެކައުނޓްތަކަށް ޖަމާކޮށްދެއްވާނެ ކަމަށް ޒިޔަތު ރޭ ވަނީ ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި މެންބަރުންގެ ވަރަށް ބޮޑު ތަރުޙީބާއިއެކު ކުންފުންޏަށް ފައިދާހުރި ގިނަ ކަންތައްތަކެއް ވަނީ ފާސްކޮށްފައެވެ. އެގޮތުން ފާސްކުރި ކަންކަމުގެ ތެރޭގައި މިހާރު މޫނުމަތީގެ އަގު 50 ރުފިޔާގެ ކޮންމެ ޙިއްޞާއެއް 5 ރުފިޔާގެ 10 ޙިއްޞާ އަށް ބަދަލުކުރުމާއި 5 ރުފިޔާގެ ކޮންމެ ހިއްޞާއަކަށް އިތުރު ހިއްޞާއެއް ގަތުމުގެ ފަރުޞަތު ހުޅުވައިލުން ހިމެނެއެވެ.
މިގޮތުން ވިއްކާ ޙީއްޞާއެއްގެ އަގަކީ 5 ރުފިޔާގެ ޙިއްޞާއަކަށް 62 ރުފިޔާއެވެ. ހިއްޞާދާރަކު ބޭނުން ނަމަ އެމިހެއްގެ ހިއްޞާ އާއި އެއް އަދަދަކަށް ހިއްޞާ ގަނެވިދާނެއެވެ. އަދި އެހެން މީހަކަށް ޙިއްޞާ ގަތުމުގެ ޙައްޤުވެސް ދެވިދާނެއެވެ.