މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އެޗްޑީސީން ރާއްވާފައިވާ ކަންކަމަށް ބަލާއިރު ފެނިގެންދަނީ ނަމޫނާ ކަންތައްތަކެކެވެ. މުސްލިމުން ޢީދު ފާހަގަކުރަން ކުރަންޖެހޭނެ ކަންތައްތަކެއް ރާވައި ހިންގަން މަސައްކަތްކުރާތަނެވެ.
ބޮޑު ޖަމައަތުގައި ނަމާދު ކުރުމާއި އެންމެން އެކީ ހެނދުނުގެ ސައި ބުއިމާއި އުޟްޙިޔާ ކަތިލުމާއި ހަވީރު ޘަޤާފީ ހިނގާލުން ފަދަ ކަންކަމަކީ ޢީދާއި ގުޅުވައިގެން ކުރަން ހަމަ ވަރަށް ރަނގަޅު ކަންތައްތަކެވެ.
ކަމެއް ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން ބޭނުންވާނަމަ އެކަންކުރާތަން އަމަލީ ގޮތުން ދައްކައި ނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމަލީ ގޮތުން ކުރާތަން ދެއްކުމަކީ އެކަމަށް މީސްތަކުންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ.
ފެންކުޅި ކުޅުން ފަދަ ކަންކަން ބައެއް ރަށްރަށުގައި މިހާރު ގެންދަނީ މަނާކުރަމުންނެވެ. ސަބަބަކީ އެކަމުގެ ތެރެއިން ރަނގަޅު ނޫން ކަންތައްތައް ހިނގާތީއެވެ. ފެންޖެހެން ބޭނުން ނުވާ މީހުންގެ ގައަށް ގަދަކަމުން ފެންޖެހުމުން ތަފާތު މައްސަލަތައް ކުރިމަތިވާތީއެވެ.