އެސްޓީއޯ ސްޕަމާޓަކީ ހަމައެކަނި ފައިދާ ހޯދުމަށް ހިންގާ ތަނެއް ނޫން ކަމަށާއި އެސްޓީއޯ ސްޕަމާޓުން އިސްކަންދެނީ ހެޔޮ އަގުތަކުގައި ތަކެތި ވިއްކައި ލުއިފަސޭހަކަމާއިއެކު ޚިދުމަތް ދިނުމަށް ކަމަށާއި އަދި އެ އުޞޫލުން ވިޔަފާރި ކުރުމުންވެސް އެކަށީގެންވާ ފައިދާއެއް ލިބެމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯ ސްޕަމާޓް ހިންގާ ބިމަކީ ވެސް އެކަށީގެންވާ ކުއްޔެއް ސަރުކާރަށް ދައްކައިގެން ހިންގާ ބިމެއް ކަމަށެވެ. އެހެންކަމާއިއެކު ވެސް ތަކެތީގެ އަގު ހެޔޮ ކުރުމަށް ސްޕަމާޓުން އަަބަދުވެސް ސަމާލުކަންދޭ ކަމަށެވެ.
"ސްޕަމާޓުން ހެޔޮއަގުގައި ތަކެތި ވިއްކަނީ އެކަމަށް ސަބްސިޑީއެއް ލިބޭތީއެއް ނޫން. ސަބްސިޑީ ލިބެނީ ހަމައެކަނި ކާޑުގެ ބާވަތްތަކަށް. އަގު ހެޔޮކޮށް ވިއްކަނީ ހަމައެކަނި ހެޔޮ އަގުގައި ވިއްކައި އޭގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގަ."
ޝަހީރު ވިދާޅުވީ ކާޑުގެ އިތުރުން ޢާންމުން ކޮންމެހެން ބޭނުންކުރާތަކެތީގެ އަގުތަށް އަތްފޯރާ ފަށުގައި ބަހައްޓަން މަސައްކަތްކުރުމަކީ ވެސް އެސްޓީއޯގެ ޒިންމާއެއް ކަމަށެވެ.
ޝަހީރު ވިދާޅުވީ އާންމު ވިޔަފާރީގެ ތެރެއަށް ވަންނަން އެސްޓީއޯ އިން ބޭނުން ނުވާ ކަމަށާއި ނަމަވެސް ރަމަޟާން މަހު ކުޅު ބިސް، ފިޔާ އަލުވި ފަދަ ތަކެތި އެސްޓީއޯ އިން އަމިއްލައަށް އެތެރެކުރަނީ ކޮންމެހެން އެކަން ކުރަން މަޖުބޫރުވާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެސްޓީއޯއަށް ބޮޑެތި ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯ ސްޕަމާޓުން މިހާރުވެސް ގެންދަނީ ކަސްޓަމަރުން ޚިދުމަތް ބޭނުންވާ ގޮތުގެ ސަރވޭއެއް ވެސް ހަދަމުން ކަމަށެވެ. އެ ސަރވޭގެ ނަތީޖާއަށް ބައްލަވައި ކަސްޓަމަރުންނަށް ކޮށްދެއްވެން ހުރި ހުރިހާ ކަންކަމެއް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
އެސްޓީއޯގެ ގުދަންތަކެއް ގުޅިފަޅުގައި އެޅުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ވެސް އެމްޑީ ޝަހީރު ވިދާޅުވިއެވެ. ޝަހީރު ވިދާޅުވީ މިދިއަ ރޯދަ މަހަށް ޚާއްޞަކޮށްގެން އެސްޓީއޯ އިން އެތެރެކުރި ތަކެތި ބެހެއްޓުމަށް އެޅި ގުދަން ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.
އަދި އެސްޓީއޯ އިން ވަގުތީ ގުދަނެއް އެޅި ނަމަވެސް އަޅަނީ އެއިގެ ބޭނުން ފަހުން ހިފޭނެގޮތަށް ކަމަށެވެ.