ބޯޓް ޔާޑް ހުޅުވުމުގެ ގޮތުން ބޯޓް ޔާޑުގައި ހަދާފައިވާ 200 ޓަނު އުފުލޭ ބޯޓް ހޮއިސްޓްގެ ބޭނުންކޮށްގެން ބާޖެއް ވަނީ ބާލައިފައެވެ. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ ބަރު އުފުލޭ ބޯޓް ހޮއިސްޓެވެ.
އިބްރާހީމް ޒިޔަތު ވިދާޅުވީ ބާޖް ފަހަރާއި އުޅަނދުފަހަރު ބަނުމުގެ ޤާބިލުކަން އެމްޓީީސީސީ ޑޮކްޔާޑަށް މިހާރު ލިބިފައިވާ ކަމަށާއި މިއަހަރުގެ މިހައިތަނަށް 2 ބާޖް ބަނދެ ބާލާފައިވާ ކަމަށެވެ. އަދި މިއަދު ބޭލި ބާޖަކީ އެންމެ 75 ދުވަހުގެތެރޭގައި ބަނދެފައިވާ ބާޖެއް ކަމަށެވެ.
ޒިޔަތު ވިދާޅުވީ ޑޮކްޔާޑަކީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަތަނަކަށް ހަދަން އެމްޓީސީސީ އިން މަސައްކަތްކުރާނެ ކަމަށާއި މިހާރުވެސް އެމްޓީސީސީ ޑޮކްޔާޑަކީ އެންމެ ގިނަ ޚިދުމަތްތައް އެންމެ ފުޅައި ދާއިރާއެއްގައި ލިބެން ރާއްޖޭގައި ހުރި ޑޮކްޔާޑް ކަމަށެވެ. "އެއްފަހަރާ 20 އުޅަނދަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން މިހާރުވެސް އެބަހުރި. ކުދި އުޅަނދުތައް ނަމަ އިތުރު އުޅަނދުފަހަރަށްވެސް ޚިދުމަތް ދެވިދާނެ."
ޒިޔަތު ވިދާޅުވީ ސްލިޕްވޭގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދެވޭ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައްވެސް ނިންމައިލެވޭނެ ކަމަށެވެ. "މިހާރުވެސް ޕައިލެޓް ޕްރޮޖކްޓެއްގެ ދަށުން މިގެންދަނީ ދޯންޏެއް ބަންނަމުން. ފައިބަރގްލާސް މަސައްކަތްތައްވެސް ކުރެވެން އެބަހުރި."
ޒިޔަތު ވިދާޅުވީ އެމްޓީސީސީ އަކީ ތަފާތު ސައިޒުތަކުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު ގެންގުޅޭ ކުންފުންޏަކަށްވާއިރު މިފަދަ ޑޮކްޔާޑެއްގެ ޚިދުމަތް ކުނފުންޏަށް ވަރަށް މުހިންމު ކަމަށެވެ. "އަޅުގަނޑުމެން މިއަންނަނީ ކުންފުނީގެ އުޅަނދުތަކަށް ޚިދުމަތްދެމުން. މިހާރު މިކުރެވުނު ކަމަކީ އެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅައު ދާއިރާއެއްގައި މުޅި ރާއްޖެއަށްވެސް ޚިދުމަތް ދެވޭނެ ފެންވަރަށް ތަރައްޤީކުރުން. ހުރިހާ ގޮތަކުން ބެލި ނަމަވެސް މިހާރު ރާއްޖޭގައި ހުރި އެންމެ ފުރިހަމަ ޑޮކްޔާޑަކީ އެމްޓީސީސީ ބޯޓްޔާޑް."
ޑޮކްޔާޑް ތަރައްޤީ ކުރީ އެމްޓީސީސީގެ މުވައްޒިފުންގެ މަސައްކަތުންކަމަށްވާތީ މަޝްރޫއު ކާމިޔާބުކަމާއެކު ތަރައްޤީކުރަން މުވައްޒިފުން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޒިޔަތު ވަނީ ހުރިހާ މުވައްޒިފުންނަށް ތައުރީފް ކުރައްވައިފައެވެ.
އެމްޓީސީސީ ޓްރޭޑިންގ އެނޑް އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އިސްމާޢީލް އަދުހަމް ވިދާޅުވީ ޑޮކްޔާޑުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް މިއަދު މިފެންވަރަށް ގެނެވިފައިވީނަމަވެސް މަޝްރޫގެ މަސައްކަތްތައް ކުރީގެ ވެރިން ވެސް ކުރިއަށް ގެންެދެވި ކަމަށެވެ. އަދި މިއަދު ފުރިހަމަވެގެން މިދަނީ ކުރިންސުރެ ކުރެވެމުން އައި މަސައްކަތްތަކެއް ކަމަށެވެ.