މިޔަންމާ ސަރުކާރާއި ބުދިސްޓުންގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރަން އެކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އަދި އެސްޓީއޯ ސަބްސިޑިއަރީ ކުންފުނިތަކުގެ މުވައްޒަފުންނާއި މެނޭޖްމެންޓުގެ ފަރާތުން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑް ފޮށި ބަހައްޓަން އެދެމުންދާ ކަމަށާއި އަދި އެހުރިހާ ފަރާތްތަކުގެ އެދުމުގެ މަތިން މިއަދުން ފެށިގެން ފަންޑް ފޮށި ބަހައްޓާ ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން އިތުރަށް މިފަންޑަށް ލާރި ހަދިޔާ ކުރަން ބޭނުން ކަމުގައިވާނަމަ، އެފުރުސަތުވެސް އަޅުގަނޑުމެން މިއަދު ހުޅުވާލަން" ޝަހީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯ ގެ ހުރިހާ ކަސްޓަމަރުން ވެސް މިފަންޑަށް އެހީތެރިވެ ދިނުމަށާއި މިކަމުގައި އެސްޓީއޯ އަށް އެއްބާރުލުން ދިނުމަށްވެސް އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ އެވިލެއްވިއެވެ.