ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އާންމުންގެ މެދުގައި ފެނަކަ ކޯޕަރޭޝަނާއި ބެހޭ ގޮތުން ކޮށްފައި ވަނިކޮށް، އެކޯޕަރޭޝަންގެ ބޮޑެތި ކޮރަޕްޝަންތަކެއް އޮޑިޓް ރިޕޯޓުން އިއްޔެ ހާމަކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ރިޕޯޓުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަނާއި ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި ފެނަކައިން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދީ އަދި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލަ އެއޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ހޯދާ މުދަލާއި ޚިދުމަތުގެ އަގު ބެލުމާއި ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި ހާމަކަން ބޮޑު ވާދަވެރި ބީލަމުގެ އުސޫލެއް ނުގެންގުޅޭ ކަމަށާއި މިހާތަނަށް ބޮޑެތި ބައެއް މަޝްރޫއުތައް ވެސް ހިންގާފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމަށެވެ.
މީގެއިތުރުން ޖަނަރޭޓަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މއްސަލަތަކަކާއި ހުއްދަނެތް ފަރާތްތަކަކުން ޑޮލަރު ގަނެ އެމީހުންގަށް ކޮމިޝަނުގެ ގޮތުގައި ފަސް މިލިއަން ދޫކޮށްފައިވުމުގެ އިތުރުން ޕޭމެންޓް ވައުދާ ނެތި 12.6 މިލިއަން ރުފިޔާފެ 23 ޓްރާންސެކްޝަން ހަދާފައިވުމާއި އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަން ހަދާފައިވުން ވެސް އެރިޕޯޓުގައު ފާހަގަ ކުރައްވާފައިވެއެވެ. އަދި ބައެއް މަސައްކަތްތައް ހަވާލު ކުރުމުގެ ކުރިން ކޮންޓްރެކްޓުގެ އުސޫލްތަކާއި ޚިލާފަށް އެޑްވާންސް ފައިސާ ދޫކޮށްފައިވުމާއި އަމިއްލަ ފަރާތަކުން ޑީސަލް ގަތުމަށް 21 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވުން ވެސް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވެއެވެ.