ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް، ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.
ޢޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ އިއްޔެ ހާމަ ކުރި އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުށަހެޅި އަގަށްވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން 2014 ގައި 16 މިލިއަން ލީޓަރުގެ ޑީސަލް ފެނަކައަށް ގަނެފައިވާ ކަމަށާއި އެފްއެސްއެމް އިން ހުށަހެޅި އަގަށްވުރެ ބޮޑު އަގުގައި 2015 ވަނަ އަހަރު 10 މިލިއަން ލީޓަރު ޑީސަލް ފެނަކަ އަށް ގަނެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ. އަމިއްލަ ފަރާތްތަކުން 26 މިލިއަން ލީޓަރުގެ ޑީސަލް ގަތުމުގެ ސަބަބުން 21.8 މިލިއަން ރުފިޔާ އިތުރަށް ފެނަކައިން ޚަރަދު ކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފެނަކައާއި ހަވާލާދީ ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ތެޔޮ ގަންނަމުން ގޮސްފައިވަނީ އެކުންފުންޏަށް ބޭނުންވާ ދުވަހަށް އެފްއެސްއެމް އިން އެކި ރަށްރަށަށް ތެޔޮ ސަޕްލައި ނުކުރެވޭތީ ކަމަށެވެ. އެފްއެސްއެމް އާއި ހަވާލާދީ ރިޕޯޓުގައިވަނީ އެކަށީގެންވާ ވަގުތު އޮވެގެން، ހަރުދަނާ އުސޫލެއްގެ ދަށުން އެކުންފުންޏަށް އޯޑަރުތައް ލިބޭނަމަ، ބޭނުންވާ ދުވަހަކަށް ތެޔޮ ސަޕްލައި ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގައި ޑީސަލް ވިއްކުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގާ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާއިރު، ފެނަކައަށް ބޭނުންވާ ޑީސަލް ހެޔޮ އަގުގައި ލިބޭނެ ގޮތް މަގުފަހިކޮށް ފެނަކައަށް ޑީސަލް ލިބެން ހުންނަ އެންމެ ހެޔޮ އަގުގައި ޑީސަލް ގަންނަމުންދާނަމަ، ކަރަންޓު އުފެއްދުމަށް ހިނގާ ޚަރަދު ކުޑަވުމަށް މަގުފަހިވާނެ" އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާފައިވާ ރިޕޯޓުގައިވެއެވެ.