އެމްޓީސީސީ ގެހިއްސާދާރުންނަށް، 62 ރުފިޔާއަށް ހިއްސާއެއް ވިއްކަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްޓީސީސީ ގެހިއްސާދާރުންނަށް، 62 ރުފިޔާއަށް ހިއްސާއެއް ވިއްކަން ފަށައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، އެކުންފުނީގެ ހިއްސާދާރުންނަށް، ހިއްސާއެއް 62 ރުފިޔާ އަށް ވިއްކަން މިރޭ ފަށައިފިއެވެ.

މިކަމާއި ގުޅިގެން މިރޭ ހޮޓެލް ޖެން ގައި ބޭއްވި ވަރަށް ޚާއްސަ ރަސްމިއްޔާތެއްގައި ހިއްސާދާރުންނަށް "ރައިޓްސް އިޝޫކުރުން" ހުޅުވާލުމުގެ ގޮތުން އެމްޓީސީސީ ގެ ޗައާމަން އަޙުމަދު ނިޔާޒް ވިދާޅުވީ، އެކުންފުނީގެ 22،000 އެއްހާ ހިއްސާދާރުންނަށް، މިފުރުސަތު ހުޅުވާލުމާއިއެކު އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މިއީ ހިއްސާދާރުންނަށް ލިބޭ ފުރުސަތެއް. ހުރިހާ ހިއްސާދާރުންނަށް ވެސް ހިއްސާ ގަނެވޭނެ. އަދި ހިއްސާދާރުން ބޭނުން ވެއްޖެނަމަ ޓްރާންސްފަރ ރައިޓްސް ބަދަލުކޮށް އެހެން ފަރާތްތަކަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ" އެމްޓީސީސީ ގެ ޗެއާމަން ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ހިއްސާ ވިއްކައިގެން އެކަށީގެންވާ އަދަދެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"މިހާރުވެސް ބޮޑު އަދަދެއް ލިބިއްޖެ ސަރުކާރުގެ ހިއްސާ އިކުއިޓީއަކަށް ބަދަލު ކުރެވުމުން. މިމަސައްކަތް މުޅި ރާއްޖޭގައި ހިނގިއްޖެނަމަ އުންމީދު ކުރަނީ މިއަދަދު ހަމަވާނެ ކަމަށް" ޗެއާމަން ނިޔާޒް ވިދާޅުވިއެވެ.

އެމްޓީސީސީ އިން ހިއްސާ ގަތުމުގެ ފުރުސަތު އަންނަ އޮކްޓޯބަރ މަހުގެ 19 އިން ޑިސެމްބަރ މަހުގެ 3 އަކާއި ހަމައަށް ހުޅުވިފައިވާނެއެވެ. ހިއްސާ އެކަށައެޅުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރ ގައެވެ.

މިއަދު އޮންލައިން