ސޯޝަލް މީޑިއާގައި ފެތުރޭ ކޮންމެ މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ފެތުރޭ ޚަބަރުތަކަށް އިހްމާލްވެއްޖެނަމަ ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. މިގޮތުން މިހައިތަނަށް ބެލި ނަމަވެސް ބައެއް ކަންކަމުގައި ލިބިފައިވާ ގެއްލުންތައް ބޮޑުވެ ފޫ ނުބެއްދިފައިވާކަން ގިނަ ބައަކު ފާހަގަކުރެވެއެވެ.
މަސްތުވާތަކެތި އާންމުކޮށް ފެތުރެން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން އެކަން ކުރަން މަސައްކަތްކުރާ މީހުންނަށް ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެހެންކަމާއިއެކުވެސް އެ މަސައްކަތަށް ހީނަރުކަމެއް ނާދެއެވެ. ބާރު ސްޕީޑްގައި ގެންދަނީ ކުރިއަށެވެ.
ހުރަސްތައް ގިރާކުރަން ކުރަންޖެހޭ ޚަރަދު އަނބުރައި ހޯދަންޖެހޭތީ އެކަން ފޫބެއްދުމަށް އަމާޒުކޮށް މިހާރު އެންމެ ބާރަށް ކުރިއަށް ގެންދަނީ ބޭނުންކުރާ އާބާދީ ބޮޑު ކުރުމުގެ މަސައްކަތެވެ. އެހެންކަމުން ވަކި އުމުރުފުރާއަކަށް ބެލުމެއް ނެތި ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން މަސްތުވާތަކެތި ފެތުރުމަށް ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަން ފެށުނު ގޮތާއި މަސްތުވާތަކެތި މިހާރު ބޭނުންކުރާ އުމުރުފުރާއަށް ބެލުމުން ވެސް މިފަދަ ކަންކަން ފާހަގަކުރެވިގެންދާނެއެވެ. ދުނިޔޭގައި ފެތުރޭ ކޮންމެ ނުބައި ކަމެއް ފެތުރިގަންނަލެއް ބާރުވާނެއެވެ. ރަނގަޅުކަންކަން ފަތުރަން ކުރާ މަސައްކަތަށްވުރެ ނުބައި ކަންކަން ފަތުރަން ކުރާ މަސައްކަތްތައް އެތައް ގުނައަކަށް އިތުރުވެފައިވާތީއެވެ.
މިފަދަ ކޮންމެ ކަމަކަށްވެސް އެންމެ މުހިންމީ ކުރިއާލައި ރައްކައުތެރިވުމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ނަމަވެސް ލިބޭ މައުލޫމާތަށް ސަމާލުކަން ދިނުމެވެ. ފާރަވެރިވުމެވެ. ހޭލުންތެރިވުމެވެ.
ރާއްޖެ އިން މިހާރު ފެންނަމުން މިދާ ނުރައްކާތެރި ޑްރަގުގެ ބާވަތްތައް ރާއްޖެއަށް ގެންނާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ހުވަފެނުން ދެކެފައިވަނީ ވެސް މަދު މީހެކެވެ. ނަމަވެސް މިއަދުގެ ހާލަތު މިއޮތީ ހާމައަށް ފެންނާށެވެ. ދުނިޔޭގައި ގެންގުޅޭނަމަ ގެންގުޅޭ އެއްޗެއް ރާއްޖޭގައި ނެތްކަމުގެ ޔަޤީންކަން އޮތީ ކޮން ފަރާތަކަށްބާވައެވެ.!