ވަރި އަކީ، ނުވަތަ ރީތި ބަހުން ބުނާނަމަ ކައިވެނި ރޫޅުމަކީ، އާއިލީ ގޮތުން ވާރުތަވާ ކަމެއް ކަމަށާއި އެއީ އައިލާގެ ފަރާތުން ފެތުރޭ ކަމެއް ކަމަށް ސްވިޑަން ގެ ދެ ޔުނިވަރސިޓީީ އަކުން ބުނެފިއެވެ.
ސްވިޑަން ގެ ވަރޖީނިއާ ކޮމަންވެލްތު ޔުނިވަރސިޓީ (ވީސީޔޫ) އާއި ލަންޑް ޔުނިވަރސިޓީ އިން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ވަރިވެގެން ދުރުވެފައިވާ ދެމަފިރިއެއްގެ ދަރިން ކައިވެންޏެއް ކުރުމުން، އެދަރިންގެ ކައިވެނިވެސް ރޫޅުން ވަރަށް ގާތް ކަމަށެވެ. ނަމަވެސް އެކުގައި އުމުރު ދުވަހު އުޅޭ ދެމަފިރިއެއްގެ ދަރިންގެ ކައިވެނި، ހަމަ އެފަދައިން ސާބިތުކަން މަތީ ދެމިހުންނަކަން ހާމަވާ ކަމަށް ވެސް ބުނެފައިވެއެވެ.
ދިރާސާތަކުން ބުނެފައިވަނީ އެފަދައިން ކަންތައް ދިމާވަނީ، އެދަރިން ބޮޑުވާ މާހައުލުގެ ގޮތުންނާއި، އަދި ވަރި ކުރުމަކީ ވަރަށް އާދައިގެ ކަމެއްކަމަށް އެކުދިންނަށް ހީވެފައިވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެެވެ.
މީގެއިތުރުން ދިރާސާގައި ބުނެފައިވަނީ، އެޑޮޕްޓް ކޮށްފައި ތިބޭ ކުދިން، ނުވަތަ އެހެން މީހަކަށް ލިބިފައިވާ، ނަމެވެސް ތިމާގެ އަމިއްލަ ދަރިންގެ ގޮތުގައި ބަލާކުދިންގެ މެދުގައި ވަރިކުރުން އާންމު ނޫން ކަމަށާއި، އެހެންކަމުން އޭގެންވެސް ދޭހަވަނީ ވަރިކުރުމަކީ އާއިލީ ގޮތުން ވާރުތަވާ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މިދިރާސާ ކުރުމުގައި ބައިވެރިވި އެކަކު ކަމުގައިވާ ޑރ. ޖެސިކާ ސަލްވަޓޯ ބުނީ، އެންމެ ފުރަތަމަ ވެސް އެމީހުން ހޯދީ، މައިންބަފައިން ވަކިވެފައިވާ އާއިލާއެއްގައި ވަރި އާންމުވަނީ ކީއްވެތޯ ކަމެވެ.
"އަހަރުމެން ހޯދިހޯދުމުން އެނގުނީ، ވަރިވެފައިވާ މައިންބަފައިންނާއި އެކު ދިރިއުޅެ ބޮޑުވުމުން، ކައިވެންޏެއްގައި އުޅެން ޖެހޭނެ ގޮތްތައް ނޭނގުމާ، ކައިވެންޏަށް އޮންނަ އިތުބާރު ވެސް އެފަދަ ކުދިންގެ މެދުގައި ނެތް ކަމެވެ." ޑރ. ސަލްވަޓޯ ބުންޏެވެ.