އެސްޓީީއޯ އިން އިއްޔެ ރަސްމީކޮށް ރާއްޖެއަށް ތަޢާރަފްކުރި ފިންލާންޑުގެ ކޯނީ މަރުކާގެ ލިފްޓް އުފައްދާ ކޯނީ ކުންފުނީގެ ދޮރުތަކުން ދުވާލަކު 1 ބިލިއަނަށްވުރެ ގިނަ މީހުން ވަދެ ނުކުމެވާކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑަގްލަސް ޕާއި ވިދާޅުވެއްޖެއެވެ.
ހޮޓެލްޖެންގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޑަގްލަސް ޕާއި ވިދާޅުވީ އެކުންފުނިން ލިފްޓް އުފެއްދުމުގެ އިތުރުން ތަފާތު ސްލައިޑިންގ ޑޮރ ވެސް އުފައްދާ ކަމަށެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރުވެސް ހަތަރު ލައްކައަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބި ކަމަށާއި ކަސްޓަމަރުން އަންނަނީ އިތުރުވަމުން ކަމަށެވެ.
ޑަގްލަސް ޕާއި ވިދާޅުވީ ކުންފުނީގައި މަސައްކަތްކުރާ 50.000 މުވައްޒިފުން ތިބިއިރު 60 ޤައުމެއްގައި ކުންފުނީގެ އޮފީސްތައް ހުންނަ ކަމަށެވެ. އެކި ޤައުމުތަކުގައި 70،000 އަސްވުރެ ގިނަ މެކޭނިކުން އާފްޓަރ ސޭލްސް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކަމަށެވެ.
ޑަގްލަސް ޕާއި ވިދާޅުވީ ހައްޖު މޫސުމުގައި އެތައް މިލިއަން މީހުން ހަރަމް ފުޅުގައި ބޭނުންކުރަމުން ގެންދަނީ އެކުންފުނީގެ ލިފްޓްތައް ކަމަށެވެ. ހަރަމްފުޅުގައި އެކަނިވެސް 300 ލިފްޓް ބޭނުންކުރާ ކަމަށެވެ. "އަދި ފާހަގަކޮށްލަން މައްކާ ހޮޓަލުގައި ދުވާލަކު 75،000 މީހުން އަރައިފައިބަން ބޭނުންކުރަނީވެސް (ހަމައެކަނި ނަމާދުވަގުތުތަކަށް ބެލި ނަމަވެސް) ކޯނީގެ ލިފްޓްތައް."
ޑަގްލަސް ވަނީ އެސްޓީއޯ ފަދަ ކުންފުންޏަކުން ކޯނީ އާއި ގުޅިގެން މަސައްކަތްކުރަން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. "ރާއްޖެ ވެސް ދެން ވެގެންދާނީ ކޯނީ ޢާއިލާގެ ޤައުމަކަށް." ކަމަށްވެސް ޑަގްލަސް ވިދާޅުވިއެވެ.