މިއަހަރު މި ބޭއްވުނު ހަފްލާއަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އިތުރުން ކުންފުނިން ރިޓަޔާ ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމާއި އެކު ކުންފުނީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯއްދެވި މުވައްޒަފުންނަށް ސްކޮލަރޝިފް ރަސްމީގޮތުން ހަވާލުކުރުމަށް ބޭއްވުނު ހަފްލާއެކެވެ.
ދިގު މުއްދަތުގެ އެވޯޑް 3 ކެޓެގަރީ އަކުން 23 މުވައްޒަފުން ހާސިލްކޮށްފައިވެއެވެ. އެއީ 25 އަހަރު ޚިދުމަތް ކުރައްވައިގެން ސިލްވަރ ކެޓެގަރީ ޙާސިލް ކުރެއްވި ބޭފުޅަކާއި، 20 އަހަރު ޚިދުމަތް ކުރައްވައިގެން ބްރޮންޒް ކެޓެގަރީ ޙާސިލް ކުރެއްވި 4 ބޭފުޅަކާއި 15 އަހަރު ޚިދުމަތް ކުރައްވައިގެން ބްލޫ ކެޓެގަރީ ޙާސިލް ކުރެއްވި 18 ބޭފުޅެކެވެ. މީގެ އިތުރުން މި ޙަފްލާގައި ދިގު މުއްދަތެއްގައި ކުންފުނީގައި ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި 10 ބޭފުޅަކަށް ރިޓަޔަމެންޓް އެވޯޑް އެރުވުނެވެ.
ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ އިތުރުން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހޯއްދެވި 10 މުވައްޒަފަކަށް ސްކޮލަރޝިފް ރަސްމީގޮތުން ހަވާލުކުރެވުނެވެ. 2001 ވަނަ އަހަރު ރަސްމީ ގޮތުން ފެށުނު މި ޕްރޮގްރާމްގެ ދަށުން 2016 ވަނަ އަހަރާއި ހަމަޔަށް އެކި އެކި ދާއިރާތަކުން 50 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖެއިން ބޭރުގައި ތަމްރީންކުރެވިފައި ވެއެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތުވެސް ހުޅުވާލެވުނެވެ.
އެމްޓީސީސީގެ މުވައްޒަފުންނަކީ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލެވެ. މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަކީ އެމްޓީސީސީއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެކެވެ. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އިތުރުން ކޮންމެ އަހަރަކުވެސް ބަޖެޓްކުރެވިގެން ގިނަ އަދަދެއްގެ މުވައްޒަފުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދެވެއެވެ. މުވައްޒަފުން ތަމްރީނުކުރުމަށް އެމްޓީސީސީއިން އަބަދުވެސް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދެއެވެ. އެމްޓީސީސީގެ 36 އަހަރުގެ ކާމިޔާބީގެ ފަހަތުގައިވާ އެމްޓީސީސީގެ ހުނަރުވެރި، ތައުލީމީ އަދި ޤާބިލް މުވައްޒަފުންނަކީ ކުންފުނި އެ މުވައްޒަފުންނާއި މެދު ފަޚުރުވެރިވާ ފަދަ މުވައްޒަފުންތަކެކެވެ.
1980 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ރާއްޖޭގެ ފުރަތަމަ ޕަބްލިކް ލިމިޓެޑް ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންްސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އާންމު ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ބޮޑު ޙިއްސާއެެއް އަދާކުރާ ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ. ފާއިތުވެ ދިޔަ 36 އަހަރުގެ ތެރޭގައި އެމްޓީސީސީވަނީ ދަތުރުފަތުރުގެ ދާއިރާއާއި، ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.