މިއީ ވަރަށް ގިނަ ފިރިހެނުން ކުރާ ކަމެކެވެ. މަގެއް މަތިން އަންހެން ކުއްޖަކު ނުވަތަ އަންހެނުންތަކެއް ދާނަމަ، ލޯމަތިން އެއްކޮށް ގެއްލެންދެން އެކުދިންނާއި ދިމާލަށް ބަލާނެއެވެ. ފިރިހެން މީހާގެ ލޯބިވެރިޔަކު ނުވަތަ އަނތްބަކު ހުއްޓަސް، އެހެން އަންހެން ކުދިންނާއި ދިމާލަށް އޭނާ ބަލަނީ ކީއްވެތޯ، މިއީ ވަރަށް ގިނަ އަންހެން ކުދިން ކުރަމުން އަންނަ ސުވާލެކެވެ.
ކޮންމެހެނަކަސް، މިސުވާލުގެ ޖަވާބުވެސް އެންމެ ރަނގަޅަށް ދެވޭނީ ފިރިހެނުންނަށް ކަމަށްވާތީ، "މިއަދުނޫހުގެ" ފަރާތުން ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭގޮތުން ސަރވޭ އެއް ހަދާ، ބައެއް ފިރިހެނުން ގާތު މިސުވާލު ކޮށްލީމެވެ.
ސުވާލު: (ލޯބިވެރިއެއް ނުވަތަ އަނތްބެއް ހުއްޓާ) ފިރިހެނުން އެހެން އަންހެނުންނަށް ބަލަނީ ކީއްވެ؟
މުސްޠަފާ ހަކީމް (23އ.): "ވެދާނެ ފަހުން އެބަލާ އަންހެން މީހާ މާ ކަމުދާތީ ކަމަށް"
މުޙައްމަދު އަފްރާހް (33އ.): "އަސްލުގަ އެއީ ޤުދްރަތީ ނިޒާމެއް. އެއީ ހަމަ އޮޓޮމެޓިކުންވާ ކަމެއް. ދެން ހުންނާނެ ދޯ ލައިކް ވެގެން ބަލާ ބެލުމާ، ލޯބި ވެގެން ބަލާ ބެލުމާ. އެތަފާތު ހުންނާނެ. ބައެއް ފަހަރު ބެލޭނެ އަންހެން ކުދިން ތިބޭ ގޮތަކުން ވެސް"
އަޙުމަދު އިޙުސާން (21އ.): "މަގުމަތިން ހިނގާފަ ދާއިރު ނޫނީ ސައިކަލު ދުއްވާފަ ދާއިރު ހަމަ ބެލިދާނެ ދޯ؟ ދެ ލޯ މަރައިގެން ސައިކަލެއް ނުދުއްވޭނެތާ. ދެން އެފިރިހެނަކަށް އިނގޭނީ އެފިރިހެނެއްގެ ނިޔަތް އޮންނަ ގޮތް. ގޯސްކޮށް ބަލާ މީހަކު ބަލާފާނެ އަންހެން މީހާގެ މަންމަ ނޫނީ ކޮއްކޮއަށް ވެސް. ކުރުކޮށް ފޮނިކޮށް ބުނަންޏާ ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ"
އަލީ ފަހީމް (33އ.): "އެއީ އީމާންތެރިކަން ހިތު ތެރޭގަ ނެތީމައާއި އޮރިޔާން ހާލު އަންހެނުން ފިރިހެނުން ކުރިމަތީގަ އުޅޭތީ"
ނިމާދު އަޙުމަދު (30އ.): "ޒާތްކޮޅު ބޮޑުކަމުން- ފިރިހެނުންގެ"
ޖަމްޝީދު މޫސާ (25އ.): "ހެހެ.. ބެލޭނެއްނު އަންހެން ކުދިން މާ އެކްސްޓްރާ ކިއުޓްވެގެން ލޮލަށް އަޅައިގަންނަ ޒާތްޒާތަށް ހެދުން އަޅަންޔާ. ދެން އަސްލު ބެލޭ އިނގޭ ހަމަ ވަރަށް ސޯލިޙު ކުދިންނަށް ވެސް. އެކުދިން ސޯލިޙުކޮށް ތިބީމަ މާކިއުޓް އަސްލު އެހެންވެ ބެލެނީ އެކަމް އަނެއްހެން އެމީހުން ކައިރިއަށް ދާކަށް ނޫން"
އިޒްޔާން މުޙައްމަދު (27އ.): "އަސްލު ގިނަ ފަހަރަށް ހަމަ ބެލެނީ ކޮންމެހެން ބަލާކަށް ނޫން އެކަމަކު ބައެއް އަންހެން ކުދިން ހުންނަ ގޮތުން. މަ ދުވަހަކުވެސް ބޭނުމެއް ނުވާނެ މަގޭ އަންހެނުން ދޫކޮށްފަ އެކަހަލަ އަންހެނެއް ކައިރިއަށް ދާކަށް"
އަހުމަދު ޖައިޝަން (21އ.): "ތިއީ ވަރަށް ސެކްސިކްޓް ސުވާލެއްދޯ. ތިއީ ދެޖިންސުގެ މީހުންވެސް ހަމަ ކުރާ ކަމެއް. އަންހެން ކުދިން ވެސް ހަމަ ބަލާނެ އަންހެން ކުދިންނަށް. ތީގެ ޖަވާބަކަށް ބުނެލަން އޮތީ، ފިހާރަތަކުން ވެސް ފެނޭނު ރީތި އެއްޗެހި، އެކަމަކު އެހެނޭ ކިޔާފަ އެހުރިހާ އެއްޗެއް ނުވެސް ގަނޭނު"
މުޙައްމަދު މޫސަ (23އ.): "ތީގަ އެކި މީހުން ދެކޭ ގޮތް ތަފާތު ދޯ އަސްލު. ބައެއް މީހުން ދެކެ ގޮތުގައި ރީތި އެއްޗެއްސަށް ކޮންމެ މީހަކަށް ވެސް ބެލޭނެ، އެއީ އިންސާނީ ޠަބީޢަތެއް. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގަ ޙަޤީޤީ ފިރިހެނެއް ބައިވެރިއަކާއި އެއްކޮށް އުޅެމުން އެކަހަލަ ކަންތައް ނުކުރާނެ. އެއީ ރަނގަޅު ކަމެއް ވެސް ނޫން. ރީތިހާ ކޮންމެ އެއްޗަކީ ރަނެއް ނޫން. ހަމަ ވެދާނެ ދޯ މުސްކުޅިއަކަށް ވެސް ހެހެހެ"
އިސްމާއިލް ސާޖިދު (42އ.): "ޠަބީއީ ގޮތުން ފިރިހެނުންގެ ކިބައިގަ ހުންނަ ކަމެއް، ރީތި އެއްޗިއްސަށް ހިތް ކިޔުމަކީ"