އެމްޓީސީސީ އިން އަބަދުވެސް އަންނަނީ ޙިއްޞާގެ ބާޒާރަށް އިންޤިލާބީ ބަދަލުތަކެއް ގެންނަމުން ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއިއޯ އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއެރުވުމުގައި އެމްޓީސީސީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އޭނާވަނީ 1980ގެ އަހަރުގެ ތެރޭގައި ރިޔަލު ދޯނީގައި ރާއްޖޭގެ ރަށްތަކަށް ވަކިވަކިން ދަތުރުކޮށް ހިއްސާ ވިއްކުމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން ފާހަގަ ކުރައްވާފައެވެ.
ޢާންމު ރައްޔިތުންނަށް އެންމެފުރަތަމަ ޙިއްޞާ ވިއްކި ކުންފުނީގެ ޝަރަފް 1980 ވަނަ އެމްޓީސީސީ އިން ހޯދުމަށްފަހު، އެ ކުންފުނިން ވަނީ 1984 ވަނަ އަހަރު ދެވަނަ ފަހަރަށްވެސް ޢާންމު ރައްޔިތުންނަށް ޙިއްޞާ ވިއްކާފައެވެ. އަދި މިހާރު އެކުންފުނި ތައްޔާރު ވަމުން ދަނީ ރައިޓްސް އިޝޫއެއްގެ ދަށުން ކުންފުނީގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ވިއްކާ ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފްވެސް ހޯދުމަށެވެ.
އެގޮތުން މިއަހަރުގެ އޮގަސްޓް މަހު ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ ކޮންމެ ޙިއްސާއެއް 10 ޙިއްސާއަށް ސްޕްލިޓް ކުރުމަށްފަހު ޙިއްޞާއަކަށް ޙިއްޞާއެއްގެ މަގުން ކުންފުނީގެ މިހާރުގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ގަތުމަށް ދައުވަތު އަރުވާފައެވެ.
ރައިޓްސް އިޝޫގެ ދަށުން ޙިއްޞާ ގަނެވޭނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޚްތިޔާރުކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދީފައިވާ އެހެން ފަރާތަކަށެވެ.
ޙިއްޞާ ވިއްކުމަށް ކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ މި އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ.
ޙިއްޞާއެއް 62 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާ އިރު، ކުންފުނީގެ ރައުސްމާލުގެ 5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކޮންމެ ޙިއްޞާދާރަކަށްވެސް ޙިއްޞާ މިލްކު ކުރެވޭނެއެވެ.
ޙިއްޞާ ބައްލަވައިތަގުމަށް އެދިލައްވާ ފޯމް އަދި ޙިއްޞާ ގަތުމުގެ ހައްޤު ބަދަލުކުރެއްވުމަށް އެދިލައްވާ ފޯމް އެމްޓީސީސީ ހެޑް އޮފީހުން ލިބެން ހުންނާނެއެވެ. އެ ކުންފުނީގެ ވެބްސައިޓް www.mtcc.com އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
އެމްޓީސީސީއަކީ ދިވެހިރާއްޖޭގައި ގާޢިމްކުރި އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ.
އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޓިފައުލިންގ ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރ ކޮމްޕޮސިޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި ބަނދަރުހެދުމާއި ބިންހިއްކުމާއި ފަޅުފުންކުރުމާއި ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.
މީގެ އިތުރުން ހޮޕަރ ސަކްޝަން ޑްރެޖަރ މަހާ ޖައްރާފާއި އެކު އެމްޓީސީސީގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށެވެ.