އެސްޓީއޯ އިން މުސާރަ ދިނުމުގައި ވެސް ދުނިޔޭގެ ފެންވަރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
އެސްޓީއޯ އިން މުސާރަ ދިނުމުގައި ވެސް ދުނިޔޭގެ ފެންވަރަށް!
އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ސްޓްރީމްލައިން ކުރުމަށްޓަކައި ކުރަމުންދާ ރީސްޓްެރަކްޗަރިންގެދަށުން އެކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖާޢާކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ މިހާރު އެސްޓިއޯގެ މުސާރައިގެ އޮނިގަނޑު ބައްޓަން ވެފައިވަނީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ފަދަ އާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސްތަކުގެ ސްޓަރަކްޗަރ އަށް އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް އެސްޓީއޯ ރީސްޓްރަކްޗަރ ކުރުމުގެ ދަށުން، މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމައި އެސްޓީއޯގެ މުސާރައިގެ އޮނިގަނޑަކީ މިޒަމާނުގެ ވިޔަފާރި ކުންފުނިތަކުުގައި ބޭނުންކުރާފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗަރ އަކަށް ވެގެންދާނެކަމަށެވެ.

އެސްޓީއޯ އިން ނިންމާފައިވަނީ މިގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް ސޭލްސް ކޮމިޝަން އަދި ޓާގެޓް އެޗީވް ކުރުމުން ލިބޭ އެހެނިހެން އެލަވަންސް ތައާރަފްކޮށް މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމަށެވެ. "މިކުންފުނިން ގަބޫލު ކުރަނީ މިކަމުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށް" ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއަކީ މުވައްޒިފުންނަށްޓަކައި ގިނަ ޚިދުމަތްތަކެއް މިހާރުވެސް ތަޢާރަފްކޮށްފައިވާ ކުންފުންޏެކެވެ. އެސްޓީއޯގެ ހިންގުން މިހާރު ވެސް ބައްޓަންކުރަމުންދަނީ ދުނިޔޭގެ އެންމެ ބޮޑެތި އަދި ކުރިއަރަމުން އަންނަ ކުންފުނިތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެކަމުގެ ރަނގަޅު ނަތީޖާވެސް އެސްޓީއޯ އިން ދަނީ ހޯދަމުންނެވެ.

އެސްޓީއޯގެ ހިންގުމަށް ބަލައިފިނަަމަ އެންމެ ރަނގަޅު ކޯޕޮރޭޓް ގަވަރނިންގ އުޞޫލުތައް ތަޢާރަފްކޮށް ހިންގުން އެންމެ ހަރުދަނާ ކޮށްފައިވާ ކުންފުންޏަކީ އެސްޓީއޯ ކަމަށްވާއިރު އެސްޓީއޯ އިން މިގެނައި ބަދަލު ރާއްޖޭގެ އެހެން ކުންފުނިތަކުންވެސް ބަލައިގެންފިނަމަ ކުންފުނިތަކުގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ދުނިޔޭގެ ބޮޑެތި އަދި ކުރިއަރަމުން އަންނަ ކުންފުނިތަކުން މިހާރު މުސާރަ ދިނުމުގައި ގެންގުޅޭ އުޞޫލަކީ އަސާސީ މުސާރަ ނުވަތަ ބޭސިކް ސެލަރީ ކުޑަކުރުމަށްފަހު މުވައްޒިފަކު ކުރާ މަސައްކަތްތަކުން ހޯދާ ނަތީޖާއަށް ބަލައި އިނާޔަތް ދިނުމުގެ އުޞޫލެވެ. އެހެން އިބާރާތަކުންނަމަ ކަނޑައަޅައި އަމާޒުކުރާ އަދަދަށް ވިޔަފާރިކުރުމުން ދޭ އިނާޔަތްތައް ބޮޑުކޮށް މުވައްޒިފުން ކުރާ މަސައްކަތްތަކަށް އިނާޔަތްތައް ހަމަޖެއްސުމެވެ. އަތްއުރާލައިގެން ތިބޭ މުވައްޒިފުންނަށް ބޭސިކް ސެލެރީ އެކަނި ދިނުމެވެ. މިފަދަ އުޞޫލުތައް ހަމަޖެއްސުމުން ކުންފުނިތަކުގެ ވިޔަފާރި އަންނަނީ
ވަރަށް ބޮޑަށް ކުރިއަރަމުންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ މުވައްޒިފުންނަކީ މިހާރުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށާއި މިގެނައި ބަދަލާއި ގުޅިގެން މުވައްޒިފުންނަށް ލިބޭނީ އިތުރު ފައިދާ ކަމަށެވެ. "ކުންފުނީގެ ކޮންމެ މުވައްޒިފަކީވެސް ކޮންމެވެސް ވިޔަފާރިއަކާއި ގުޅިފައިވާ މުވައްޒިފެއް. އެހެންވީމާ މިބަދަލުގެ ފައިދާ ހުރިހާ މުވައްޒިފުންނަށްވެސް ދާނީ ލިބެމުން" ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ގެންނަން އެސްޓީއޯ އިން ނިންމީ ދުނިޔޭގެ ފެންވަރުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުންފުނިތަކުންވެސް މުސާރައިގެ ކަންކަމުގައި އަމަލުކުރާ އުޞޫލުތަކަށް ބައްލަވައިގެން ކަމަށެވެ.

އެސްޓީއޯގެ ކުރިއެރުން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުންވެސް ގެންދަނީ ފާހަގަކުރަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ހޯދާފައިވާ އެސްޓީއޯ އާއިއެކު ވިޔަފާރިކުރުމަށް ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ދަނީ އެދެމުންނެވެ.

މިއަހަރުގެ ފުރަތަމަ ދެ ކްއާޓަރަށް ބަލައިފިނަމަ އެސްޓީއޯއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 116 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.

ތެލުގެ އަގު ހެޔޮކުރުމަށް އެސްޓީއޯ އިން ބޮޑު ބައެއް ހިއްޞާކުރަމުންގެންދާއިރު މި އަދަދަކީ ވަރަށް ރަނގަޅު އަދަދެއްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން