ކާބޯތަކެތީގެ ދުވަސް ފާހަގަކުރާ އިރު، އެންމެ މުހިންމީ އިސްރާފު ނުކުރުން.

ކިޔުމަށް ހޭދަވާނީ 2މ 44ސ
ކާބޯތަކެތީގެ ދުވަސް ފާހަގަކުރާ އިރު، އެންމެ މުހިންމީ އިސްރާފު ނުކުރުން.
މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

އދ. ގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމިއްޔާގެ 20 ވަނަ ބައްދަލުވުމުގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށްފައިވަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށެވެ.

ބޭނުމަކީ ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލުމާއި ކަމާބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމެވެ.



މިދެކަމުގެ ތެރެއިން ބަނޑުހައިހޫނުކަން ނައްތާލުމަށް އެންމެ މުހިންމު ކަމަކީ އިސްރާފުނުކުރުމެވެ. ނުވަތަ އިސްރާފު މަދުކުރުމެވެ. މިކަން ކުރުމަކީ ދިވެހިންނަށް ވާނޭ ކަމެއްބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.



ސަބަބަކީ ދިވެހިންނަކީ އަބަދުވެސް އިސްރާފު ނުކުރުމުގެ ބަދަލުގައި "އިސްރާފަށް ލޯބިކުރާ" ބައެއްގެ ގޮތުގައި ފާހަގަކުރެވޭތީއެވެ. މިކަމުން ޚުދު އަޅުގަނޑުމެވެސް އިސްތިސްނާއެއް ނުކުރަމެވެ.

އެހެންނަމަވެސް އަދިވެސް ފުރުޞަތު އެބައޮތެވެ. އިސްރާފުކުރުން މަދުކުރެވިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި ވަރުގަދަ ޢަޒުމެކެވެ.

އަޅުގަނޑުމެންގެ ޞުފުރާމަތި ތަފާތުއެކި ބާވަތްތަކުގެ މީރު ކާނާއިން ޖަރީކޮށްލުމަށްފަހު، ނުކެވިގެން ޑަސްބިނަށް ޙަވާލުކުރާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނު ކަމުގައި ކޮންމެދުވަހަކުވެސް މިދުނިޔެ ދޫކޮށްދަނީ ކިތައް މީހުންކަން ހަނދާނަށް ގެންނަމާހެއްޔެވެ.



މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އަނެއް ބޭނުން ކަމަށްވާ ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެވޭނީ އުފެއްދުންތެރިކަންވެސް އިތުރުކޮށްގެންނެވެ.

ރާއްޖެއަކީ ވަސީލަތް ކިތަންމެ މަދު ޤައުމަކަށްވިޔަސް ރާއްޖޭގައިވެސް އަންނަނީ ދަނޑުވެރިކަން ފުޅާކޮށް ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގައި އުފައްދާ ތަކެތި ގިނަ ކުރުމަށް ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މޭވާއާއި ތަރުކާރީ ރާއްޖެއަށް އެތެރެކުރަން ނުޖެހޭވަރަށް ހެއްދުމަކީ އަމާޒެއްކަމަށް ބައްލަވާ، މިރުސް، ދޮންކެޔޮ، ކަރާ، ބަރަބޯ އަދި ފަޅޯ ހެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިކަން ތަރައްޤީކުރުމަށް ފަޅުރަށްތަކާއި ބިންތަކާއިލޯނުވެސް ސަރުކާރުން ދޫކުރެއެވެ.



އެހެންނަމަވެސް މިތަކެތި ރާއްޖޭގެ ބާޒާރަށް އެންމެ އެކަށީގެންވާ މިންވަރަށް އުފެއްދޭބާއެވެ. ނުވަތަ އުފައްދަން މަސައްކަތް ކުރެވޭބާއެވެ.

މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓަށް ބަލާލާއިރުވެސް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ދިވެހި އުފެއްދުމެއް ފެންނަނީ "ލޮލުބޭހަކަށް" ލާން އެއްޗެއް ލިބޭ ބީދައިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.މުޅީންވެސް ފެންނަނީ ބޭރު ކަރަކަރައިގެ އުފެއްދުންތަކެވެ.



ދަނޑުވެރިން ބުނަނީ އުފެއްދުންތަކާއި އެއްވަރަށް މާކެޓް ނުލިބޭ ކަމަށެވެ. އަދި އުފެއްދޭ އެއްޗަކަށްވެސް އެކަށީގެންވާ އަގު ނުލިބޭ ކަމަށެވެ. ވިޔަފާރިވެރިން ބުނަނީ ޑިމާންޑާއެއްވަރަށް ތަކެތި ނުއުފެއްދޭ ކަމަށާއި ދިވެހި އުފެއްދުންތަކުގެ އަގު ބޮޑުކަމަށެވެ.

ކޮންމެއަކަސް އެނގޭހާވެސް އެއްޗަކީ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ނުލިބޭ ކަމަށެވެ.

މި މަޢުލޫއަށް ކިތަންމެ ވަރަކަށްވެސް ދެފަރާތަށްވެސް ބަހުސްކުރެވިދާނެއެވެ. އެކަމަކު މިފަދަ ޤަލަމުން މިގޮތަށް ލިޔާ ކޫސަނި ޢިބާރާތްކޮޅަކުން ނުވަތަ ކޮށްލާ ކުޑަ ބަހުސަކުން ކުރެވޭނެ ކަމެއް ނެތެވެ. "ކަހާތަން ހިރުވާވެސް ނުލާނެ" އެވެ.

މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޔާރަކަށް " ޗޭންޖް ދަ ފިއުޗަރ އޮފް މައިގްރޭޝަން، އިންވެސްޓް އިން ފުޑް ސެކިއުރިޓީ އެންޑް ރޫރަލް ޑިވެލޮޕްމަންޓް" ހަމަޖައްސާފައިވާ އިރު، މިކަން އަޅުގަނޑު ދެން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.


މިއަދު އޮންލައިން