މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ގެންނަ ކޮންނަ ބޯޓު "މަހާޖައްރާފު" އިން އެންމެ ފުރަތަމަ ހިއްކަނީ ހދ. ކުޅުދުއްފުށި އެއާޕޯޓް އަޅާ ބިން ކަމަށް އެކުންފުނިން ބުނެފިއެވެ.
މިހިނގާ އޮކްޓޯބަރ މަހުގެ ފަހުކޮޅު ކޮންނަ ބޯޓު ރާއްޖެ ގެންނަ ގޮތަށް ސީދާ ދާނީ ކުޅުދުއްފުއްޓަށެވެ. އަދި އެރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް ފަށާނެއެވެ.
މީގެއިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫޢުއިން އެމްޓީސީސީ އަށް 53.4 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަސް ތެރޭގައެވެ.
މިއީ އެމްޓީސީސީ އިން ގެންނަ ޑްރެޖަރުން ހިންގާ ފުރަތަމަ މަސައްކަތެވެ. އެމްޓީސީސީ އިން މައުލޫމާތު ދޭ ގޮތުގައި، މީގެ އިތުރުން ވެސް މަޝްރޫއުތައް ކުރިއަށް ގެންދަން، އެކުންފުނިން ދަނީ ޓޫރިޒަމް މިނިސްޓްރީ އާއި ވާހަކަ ދައްކަމުންނެވެ.