އަރިދަފުސް ރޯގާ ޖެހުން އިތުރުވެދާނެތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 30ސ
އަރިދަފުސް ރޯގާ ޖެހުން އިތުރުވެދާނެތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާ ހިސާބުގައި އަރިދަފުސްރޯގާ ޖެހުން އިތުރު ވެދާނެ ކަމަށް ލަފާ ކުރެވޭތީ، އެކަމަށް ސަމާލުވާން ހެލްތު އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވިފައި ނުވިނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާ ހިސާބުގައި އަރިދަފުސް ރޯގާ ޖެހުން އިތުރު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އަރިދަފުސް ރޯގާއިން ސަލާމަތްވުމުގެ ގޮތުން މާބަނޑު މީހުންނަށާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުުރުން ދުވަސްވީ މީހުންނާއި ދާއިމީ ބައްޔެއް ހުންނަ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

އަރިދަފުސް ރޯގާ ނުވަތަ އިންފްލުއެންޒާ ފެތުރުމުން ރައްކާތެރިވުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން:

• ސައިބޯނި ލައިގެން އަތް ދޮވުން
• އަރިދަފުސް ރޯގާޖެހި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާ ކުރުން. އަދި އެގޮތަށް ބޭނުން ކުރާ ޓިޝޫ ފަދަ ތަކެތި އަވަހަށް ނައްތާލުން
• ރޯގާޖެހި ހުން އަންނަ ނަމަ ޕެރެސެޓެމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ޑޮކްޓަރެއްގެ ލަފަޔާއި ނުލާ ބޭނުން ނުކުރުން.
• ވެކްސިން ޖަހަން ސަމާލުކަން ދިނުން (ވެކްސިން ޖެހުމުން އެއް އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކަން ލިބެއެވެ.)

މާލޭގައި ނަމަ ދަމަނަވެށިން އިންފްލުއެންޒާ ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި އަތޮޅުތެރޭގައިނަމަ، އެރަށެއްގެ ހޮސްޕިޓަލު ތަކުންނާއި ސިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފައެވެ.
މިއަދު އޮންލައިން