މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ ރައިޓްސް އިޝޫ ޙިއްޞާގެ މުއާމަލާތުކުރުމަށް ސާރވިސް އެޖެންޓެއްގެ ގޮތުގައި އެމްއެސްޑީ ކަނޑައަޅައި، އެމްއެސްޑީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިއްޞާގެ މުއާމަލާތް ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޓީސީސީގެ ޙިއްޞާދާރުންނާއި ހިއްސާ ބައްލަވައިގަންނަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ހިއްސާ ބައްލަވައިގަތުމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން މާލެއާއި އަތޮޅުތެރޭގައި ބޭއްވޭ ރޯޑް ޝޯތަކުގައިވެސް ހިއްސާ ބައްލަވައިގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އެއްބަސްވުމުގެ ދަށުން އެމްއެސްޑީއިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި ރައިޓްސް ޓްރާންސްފަރ ފޯމް އަދި ރައިޓްސް އިޝޫގެ ޙިއްޞާ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، ފައިސާ ބަލައިގަތުން އަދި އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލްއަށްް އެމްޓީސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ޙިއްޞާ ގަނެވޭނީ 9 އޮކްޓޯބަރ 2017 ގެ 1600 ގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޙްތިޔާރުކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދެވިފައިވާ އެހެން ފަރާތަކަށެވެ. އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޯބަރ 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށެވެ. އެމްޓީސީސީގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ ޙިއްޞާއެއް 62 ރުފިޔާއަށެވެ.
1980 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ރާއްޖޭގެ އެންމެ ގިނަދުވަސްވީ ޕަބްލިކް ލިމިޓެޑް ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންްސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އާންމު ދަތުރުފަތުރުގެ ސިނާއަތާއި މަސްވެރިކަމާއި އޮޑިދޯނިފަހަރުގެ ސިނާއަތުގެ އެންމެ ބޮޑު ޙިއްސާއެެއް އަދާކުރާ އާންމު ރައްޔިތުންނާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ.