ކައިވެންޏެއް ކުރުމަށްފަހު އެކަކު އަނެކަކާއި މާބޮޑަށް މައްސަލަ ޖެހޭކަމަށް ބުނެ، އަދި އެކައިވެނީގައި އެއްވެސް އުފަލެއް ނެތް ކަމަށް ބުނުމަށްފަހު ވެސް، ވަރިއަކާއި ހަމައަށް ނުގޮސް އެކު އެކީގައި އުޅުމުން ފަހުން ލިބޭ އުފަލާއި ހިތްހަމަ ޖެހުން މާބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މެރިޖް ފައުންޑޭޝަނުން ކުރި މިދިރާސާގައި ބުނެފައިވާ ގޮތުން، ތަފާތު އެކިއެކި މައްސަލަ ޖެހުމަށްފަހު ވެސް ވަރި ނުވެ ތިބި މީހުންގެ ތެރެއިން %70 މީހުން ބުނެފައިވަނީ، ވަރި ނުވެވުނީތީ އެމީހުންގެ ދިރިއުޅުން ފަހުން މާއުފާވެރި ކަމަށެވެ.
މިދިރާސާއިން އެމީހުން ބުނި ގޮތުގައި، ވަރި ނުވެ ތިބުމުގެ ސަބަބުން، ތިރީގައި މިވާ ގިނަ ގުނަ ފައިދާތައް ވެއެވެ.
* ކެތްތެރިވާން ދަސްވުން
މައްސަލައެއް ނުޖެހޭނެ ދެމަފިރިއެއް ނުހުންނާނެއެވެ. ކައިވެންޏެއްގައި މައްސަލަ ޖެހުމުން އެއީ ދުރުވާންވީ ސަބަބެއް ކަމަށް ނުދެކި، އެކަކު އަނެކަކުގެ ކިބައިގާ ހުންނަ ނޭދެވޭ ސިފަތަކަށް ރުޅި އިސްނުކޮށް ކެތްތެރިވުމުން، މައްސަލަތައް ހައްލު ކުރަން ފަސޭހަވާނެއެވެ.
* ވަރިކުރުމަށް އަތުންދާ ޚަރަދުތަކުން ސަލާމަތް ވާނެ
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވަރި ކުރުމަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން އެޤައުމެއްގެ ސަރުކާރުން ބާރު އަޅާ ކަމެކެވެ. އެގޮތުން ވަރިއަށް އެދޭ އަންހެން މީހާގެ އަތުން ނުވަތަ އެދެވޭ ސަބަބެއް ނެތި ވަރިކުރާ ފިރިހެން މީހާ ބޮޑު އަދަދަކަށް ސަރުކާރުން ޖޫރިމަނާ ކުރެއެވެ. ކޯޓުން ބޭރުގައި ވަރި ކޮށްފިނަމަ އެއަދަދު އަދި މާބޮޑެވެ. އެހެންކަމުން ވަރި ނުކޮށް ތިބުމުން، ކޯޓަށް އެފަަދަ ބޮޑު އަދަދަކަށް ފައިސާ ދެއްކުމުން ސަލާމަތްވީއެވެ.
* ވަރީގެ ސަބަބުން ދިރިއުޅުމަށް ކުރާ އުންމީދު ފުނޑު ފުނޑުވިޔަ ނުދީ ސަލާމަތް ވާނެ
ގިނަ ފަހަރަށް މިހެން ދިމާވަނީ އަލަތު ކައިވެންޏެއް ރޫޅުމުންނެވެ. ދިރިއުޅުމަށް އެމީހަކު ކުރާ އުންމީދުތައް ވިއްސި ވިހާލިވެ، އަލުން އެހެން މީހަކާއި ގުޅުމުގެ ހިތް ކަނޑެއެވެ. އެހެން މީހަކާއި ގުޅުން ކަމުގައި ވިޔަސް އެމީހަކަށް ފުރިހަމައަށް އިތުބާރުވެސް ނުކުރެވެއެވެ. މިހެން ދިމާވަނީ ކުރީގެ ކައިވެނި ރޫޅުމުން، ނަފްސާނީ ގޮތުން އޭނާއަށް ކޮށްފައިވާ އަސަރެއްގެ ސަބަބުންނެވެ.
* ދަރިންނަށް ނޭދެވޭ އަސަރު ކުރުމުން ސަލާމަތް ވާނެ
މައުންބަފައިން ވަކި ވުމުގެ ސަބަބުން ދަރިންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ޚާއްސަކޮށް ވަރިވުމަށްފަހު ވެސް ދެމަފިރިން ޒުވާބު ކުރާތަން ދަރިންނަށް ފެންނަ ނަމައެވެ. އެކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކުދިންނަށް ހީވާނީ ޒުވާބު ކުރުމާއި އެކަކު އަނެކަކު ދޫކޮށްލާފައި ދިޔުމަކީ ރަނގަޅު ކަމެއް ކަމުގައެވެ. ގިނަ ފަހަރަށް ދަރިންނަށް ނުބައި މަގު އިޚްތިޔާރު ކުރެވެނީ ވެސް، މައިންބަފައިން ވަކިވެ ދިރިއުޅުމުގައި އެކުދިންނާއި އަޅާލާނެ މީހެއް ނެތުމުންނެވެ.