ފިލްޓަރެއް އިނަސް ސިނގިރޭޓު ބުއިމުން ކުރާ ފައިދާއެއް ނެތް

ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިލްޓަރެއް އިނަސް ސިނގިރޭޓު ބުއިމުން ކުރާ ފައިދާއެއް ނެތް
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް "ގެއްލުންނުވާނެ" ކަމަށް ބުނެ، 1960 ހުގެ އަހަރު ތެރޭގައި ދުންފަތާއި ބެހޭ އިންޑަސްޓްރީ އިން ވަނީ ސިނގިރޭޓުގައި ފިލްޓަރު އުފައްދާފައެވެ. އެމީހުން ބުނި ގޮތުގައި، ސިނގިރޭޓުގައި ފިލްޓަރެއް އިނުމުން. ދުންފަތުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ކުޑަވެއެވެ.

ނަމަވެސް މިކަން އިތުރަށް ދިރާސާ ކުރުމުން މިހާރު އެނގިފައިވާ އެއްޗަކީ ސިނގިރޭޓުގައި އިންނަ ފިލްޓަރަކީ އެއްވެސް ރައްކާތެރި ކަމެއް ދޭ އެއްޗެއް ނޫން ކަމާއި، އޭގެން ކުރާ އެއްވެސް ފައިދާއެއް ނެތް އިރު ސިނގިރޭޓު ފިލްޓަރަކީ ތިމާވެއްޓަށް ވެސް ގެއްލުންދޭ އެއްޗެއް ކަމެވެ.

ސިނގިރޭޓު އުފެއްދި މީހުން އެއިރު ބުނެފައިވަނީ އޭގައި ފިލްޓަރެއް އިނުމުން، ދުންފަތުގެ އަސަރު ފުއްޕާމެއަށް އެވަރަށް ނުކުރާނެ ކަމަށާއި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް އޮތް "ރައްކާތެރި" ގޮތެއް ކަމަށެވެ. ނަމަވެސް ފިލްޓަރެއް އިނުމުން ސިނގިރޭޓު ބޮއެގެން ގެއްލުމެއް ނުވާނެކަމަށް ހީވީ، އެފިލްޓަރު އިނުމުން ދުންފަތުގެ ރަހަ ތަންކޮޅެއް ކުޑަވުމުން އެކަނިކަން، މީހުންނަށް އެނގެން ފެށީ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ.

ފިލްޓަރުން ހަށިގަނޑަށް ގެއްލުން ދެނީ ކިހިނެއްތޯ ބަލާއިރު، އޭގައި ހިމެނޭ ކުދިކުދި ލޯވަޅުތަކުގެ ސަަބަބުން ކޮންމެ ފަހަރަކު ސިނގިރޭޓު ދަމާލާއިރު، ކަރުތެރެއަށް ލުޔެއް ލިބޭ ފަދަ އިހުސާސެއް ކުރުވައެވެ. ނަމަވެސް އެކުދި ލޯވަޅުތަކުގެ ސަބަބުން، ސިނގިރޭޓު ބޯއިރުކޮންމެވެސް ވަރަކަށް ހަށިގަނޑުގެ އެތެރެއަށް ވެސް ދުންތައް ދެއެވެ. އަދި އޭގެ އަސަރު ފުއްޕާމެއަށް ކުރުވައެވެ. މިއީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަކެވެ.

މީގެއިތުރުން ސިނގިރޭޓު ފިލްޓަރު އުފައްދާފައިވަނީ ކޮންމެވެސް ވަރަކަށް ޕްލާސްޓިކުވެސް ބޭނުން ކޮށްގެން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ސިނގިރޭޓު ބޯވަގުތު އެޕްލާސްޓިކަށް ހޫނު ވެގެން ހަށިގަނޑުގެ އެތެރެއަށް ނުރައްކާތެރި ކެމިކަލްގެ އަސަރު ކުރުވައެވެ.

ފިލްޓަރުގެ ސަބަބުން ދުންފަތުގައި ހިމެނޭ ހަށިގަނޑަށް ގެއްލުންދޭ ބައިތައް ނައްތާލައޭ ހީކުރުމަކީ މޮޔަކަމެކެވެ. ސިނގިރޭޓަކީ އޭގައި އެއްވެސް ފައިދާ ހުރި މާއްދާއެއް ނުހިމެނޭ އެއްޗަކަށްވާއިރު، އޭގެން ވަކި ކުރެވޭނެ "ފައިދާއެއް" ނުހުންނާނެކަމީ ޤަބޫލު ކުރަން ޖެހޭ ކަމެކެވެ.

ސިގިރޭޓު ފިލްޓަރުން ތިމާވެށި ހަލާކުވަނީ، އެބުއިމަށްފަހު "ބަޓުބުރި" މަގުމައްޗަށް އެއްލާލުމުންނެވެ. އޭގައި ހިމެނޭ ޕްލާސްޓިކުގެ ސަބަބުން، އިރުގެ ދޯދި އެއަށް އެޅޭ ވަގުތު ވަރަށް ގިނަ ކެމިކަލްތަކެއް މުޅި ތިމާވެއްޓަަށް ފެތުރިގެން ގޮސް، އެކެމިކަލްތަކުގެ ސަބަބުން ވެސް ތަފާތު ބަލިތައް ޖެހެއެވެ.
މިއަދު އޮންލައިން