އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އިއްޔެ ވަގުތެއްގައި މިވަނީ ރާއްޖެ އައިސްފައެވެ.
އައި. އެޗް.ސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕަރ ސަކްޝަން ޑްރެޖަރ މަހާ ޖައްރާފަކީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް އަދާކުރާނެ އެއްޗެއްކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.
ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16 މީޓަރު ހުންނަ މި އުޅަނދަށް 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިފައިވާ އިރު، މިއުޅަނދަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ.
މިއީ މުޅި އޭޝިއާ ސަރަޙައްދަށްވެސް ގެނެވުނު މިފަދަ އެންމެ ބިޔަ އުޅަނދަށްވާ އިރު، މަހާ ޖައްރާފު ވެގެންދާނީ މުޅި އެމްޓީސީސީ އާއި ދިވެހިރާއްޖޭގެ ތާރީޚް ބަދަލްކޮށްލާނެ އުޅަނދަކަށެވެ.
މި އުޅަނދު ރާއްޖެ އައުމުގެކުރިން މެލޭޝިޔާގެ ކުންފުންޏަކުން 50 މިލިޔަން ސީ.ބީ.އެމްގެ ޕްރޮޖެކްޓަކަށް މަހާ ޖައްރާފު ބޭނުންކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވުމަކީ އެކަމުގެ "އަލިގަދަ" ހެއްކެކެވެ.
އެޤައުމުގެ އިތުރުން މިހާރުވެސް ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުން މަހާޖައްރާފު ބޭނުންކޮށްގެން ބިންހިއްކުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވުމަކީ މިކުޑަކުޑަ ދިވެހިރާއްޖެ ފަޚުރުވެރިވުން ޙައްޤު ކަމެކެވެ.
އެހެންކަމުން މުސްތަޤްބަލުގައި ރާއްޖެއިން ބޭރުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކުގައިވެސް މަހާ ޖައްރާފު ބޭނުން ކުރާނެކަމަށް އުއްމީދުކުރެވެއެވެ.
ދުވެލި ބާރު އަދި ތެލުގެ ޚަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ މަހާޖައްރާފުގެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދެވެ.
ރާއްޖޭގެ އާބާދީ ބޮޑު އަދި ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ބިންހިއްކުމުގައި މަހާޖައްރާފު ބޭނުންކުރާ އިރު، މި ރަށްތަކުގައި މިހާރު ދިމާވެފައިވާ ގޯތި ލިބުމުގެ ދަތިކަމަށް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މަހާޖައްރާފު ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން މަހާޖައްރާފް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާއެވެ. އަދި މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގައި ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލްކަން މި އުޅަނދަށް ލިބިފައިވުމަކީ ފާހަގަކޮށްލެވޭ ޙާއްސަކަމެކެވެ.
މަހާޖައްރާފް ޗައިނާއިން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ރާއްޖެ އަންނާނެ ކަމަށް ކުރިން ލަފާ ކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަސްކަމުގައިވިޔަސް ތާރީޚަށްވުރެ ކުރިން މިވަނީ ރާއްޖެ އައިސްފައެވެ. އެހެންކަމުން މިއީވެސް މަސައްކަތަށް ލިބިގެންދިޔަ އިތުރު ހަލުވި ކަމެކެވެ. އިތުރު ހިތްވަރެކެވެ.
މަހާ ޖައްރާފުގެ ޓްރަޔަލްތައް ނިމި ރަސްމީގޮތުން އިފްތިތާޙުކުރުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.