މާލޭގައި ދިރިއުޅެން އުނދަގޫތަ؟ އެއީ ކީއްވެ؟

ކިޔުމަށް ހޭދަވާނީ 2މ 50ސ
މާލޭގައި ދިރިއުޅެން އުނދަގޫތަ؟ އެއީ ކީއްވެ؟
ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަކީ، ނިސްބަތުން ކުޑަ ނަމަވެސް އެންމެ ގިނަ ބަޔަކު ދިރިއުޅޭ ރަށޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މާލޭގައި ލިބެން ހުންނަ ވަސީލަތްތައް ގިނަވެފައި އަތޮޅުތެރެއިން ލިބޭ ވަސީލަތްތަކަށްވުރެ ފެންވަރު ރަނގަޅުވުމެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތައްވެސް ދުވަހުން ދުވަހަކަށް ތަރައްޤީވަމުން ދިޔަނަމަވެސް، އަދިވެސް ގިނަ ވަސީލަތްތައް ލިބެން ހުރީ ވެރިރަށް މާލެއިން ކަމީ ބަހުސް ކުރެވޭވަރުކަމެއް ނޫނެވެ.

ގިނަ ވަސީލަތްތަކެއް މާލެއިން ލިބެން ހުރި ކަމުގައި ވިޔަސް، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނެއްތޯ ނުވަތަ އުނދަގޫ ތަނެއްތޯ، މިއީ އުފެދޭ ސުވާލެކެވެ.

"މިއަދުނޫހުގެ" ފަރާތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަރާތްތަކާއި މިސުވާލުކޮށް ސަރވޭއެއް ހެދީމެވެ.

ސުވާލު: މާލޭގައި ދިރިއުޅެން އުނދަގޫތަ؟ އެއީ ކީއްވެ؟

މިސްބާހް (22އ.): "އާނ އުނދަގޫ. ސަބަބަކީ ކުލި ބޮޑުކަމުން، މާލޭގެ ވައި ނުސާފުކަމުން، ތޮއްޖެހުން ބޮޑުކަމުން އަދި މަގުގެ ގަވައިދުތަކަށް މީހުން ނުބެލުން"

ޙުސެއިން (22އ.): "އުނދަގުލެއް ނޫން. އަނެއްހެން ވަރަށް ފަސޭހަ. އަޅުގަނޑު ދިރިއުޅެނީ ހުޅުމާލޭގަ. ވަޒީފާ އަދާކުރަން މާލެ އަންނަނީ އެހެންވެ އަނެއްހެން އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހޭ"

ނިމާދު (30އ.): "އުނދަގުލީ ކުލި އެކަނި"

އަލީ (25އ.): "އާނ ވަރަށް އުނދަގޫ. ކުއްޔަށްދޭ ތަންތަނުގެ ކުލި އެހާ ބޮޑު. ވަރަށް މީހުން ވެސް ގިނަ މާލޭގަ. މީގެ އިތުރުން ކުށްކުރުން އެހާ ގިނަ"

އާސިމާ (23އ.): "ލައްބަ. ސަބަބަކީ ތޮއްޖެހި، ދުއްވާ އެއްޗެހިން ފުރި ބާރުވެފައިވާތީ"

ޖައިޝަން (21އ.): "އުނދަގޫ. މީހުން ގިނަ ވެފަ ކުލި އަގުބޮޑުކަމުން"

ސުލްތާން (21އ.): "އުނދަގޫ. ބޭރަށް ނިކުމެ އުޅެން އުނދަގޫވެފަ ނޭވާލާން ވެސް އުނދަގޫ. މާލެގަ ހުންނަނީ ކިޔާ ދޭން ނެނގޭކަހަލަ ބަރު ވައެއް، އެެހެންވެ ބައެއް ފަހަރު ހަމަޔަށް ނޭވާލާން ދަތިވޭ"

ޝަބީން (27އ.): "ބައެއް ފަހަރު އުނދަގޫ. އެއީ ދުއްވާ އެއްޗެހި ގިނަވެފަ މުޒާހަރާތައް ވެސް ގިނަކަމުން. މީގެ އިތުރުން ލިބޭ އާމްދަނީ ކުޑަވެފަ ތަކެތީގެ އަގު އެހާމެ ބޮޑު"

ޝައުފާ (19އ.): "އުޅެންޖެހޭ ތަންކޮޅު ކުޑަކަމުން ވަރަށް އުނދަގޫ. ބައެއްފަހަރު އިނދެގެން އުޅޭ ދެމަފިރިން ވެސް އުޅެން މިޖެހެނީ ދެތަނެއްގަ."

މާލެއަށް އާ މީހާ (26އ.): "ދިރިއުޅެން ފަސޭހަ. އެކަމަކު އެފަސޭހަކަމުގެ ދެމިހުންނަންޏާ ފަޓުލޫނުގެ ޖީބަށް ބާރުކުރޭ. ޚަރަދު ބޮޑުވާ ވާހަކަ މިބުނީ. އަތޮޅުތެރެއާ މާލެއާއި ތަފާތު. ހިތްހަމަ ޖެހެނީ ހަމަ މާލެ ނޫން ރަށްތަކުގަ ދިރިއުޅެން"

ނަބީލް (27އ.): "ރެންޓަށް އުޅެންޖެހޭތީ އުނދަގޫ. ލިބޭ މުސާރައާއި ކުއްޔަށްދޭ އަގުތަކާއި އަދި އަސާސީ ބޭނުމަށް ބޭނުން ކުރާ ތަކެތީގެ އަގު ބޮޑުކަމުން އަނގަޔާއި އަތާ ދިމާނުވޭ. ލިބޭ މުސާރައިން ދެކޮޅެއް ނުޖެހޭ. އެކަމަކު ރަށުގަ އުޅެން ބަލާއިރު އެކޮޅުން ލިބޭނެ ރަނގަޅު ވަޒީފާއެއް ނުހުރޭ. އެހެން މަސައްކަތެއް ކުރަން ބެލިޔަސް، މިސާލަކަށް ދަނޑުވެރިކަމަށް ބެލިޔަސް އޭގެން އެއްޗެއް ވިއްކޭނެ ގޮތެއް ނުހުރޭ. އަތޮޅުގައި ރިސޯޓެއް އަޅަން ކިޔާތާވެސް މިހާރު 15 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އެރިސޯޓު އެޅިފަ ހުރިނަމަ އެތަނުން ޖޮބެއް ލިބުން ގާތް.މާލޭގައި އުޅެން ވަރަށް ދަތި އުނދަގޫ. އެހެން ނަމަވެސް މަޖުބޫރު ހާލުން އުޅެން މިޖެހެނީ މިތާ. ޝުކުރިއްޔާ"

އިހުސާން (21އ.): "އުނދަގޫ. މާލެ ކުޑަކަމުން. ކުލިބޮޑު ކަމުންނާއި މީހުން ގިނަކަމުން"

މިސަރވޭއަށް ބަލާއިރު ފާހަގަ ކޮށްލެވޭ އެއްކަމަކީ، މާލޭގައި ދިރިއުޅެން ދަތިވާ އެއް ކަމަކަށް އެންމެ ގިނަ މީހުން ބުނެފައިމިވަނީ މާލޭ ގޭގެއިން އެޕާޓްމެންޓެއް ނުވަތަ ކޮޓާރިއެއް ވިޔަސް، ކުއްޔަށްދޭ އަގު ބޮޑުވުމެވެ. ދެން އެންމެ ގިނަ ބަޔަކު ބުނެފައިވަނީ ދިރިއުޅޭ ޖާގަ ކުޑަވުމާއި މާލެ ތޮއްޖެހިފައި ވުމެވެ.




މިއަދު އޮންލައިން