މައްސަރު ކަންތައް ޖެހޭއިރު ވާތަދު، ހާޓްއެޓޭކެއް ޖެހުމާ އެއްފަދަ - ޑޮކްޓަރުން އެކަމާއި އަޅާނުލަނީ ކީއްވެ؟

ކިޔުމަށް ހޭދަވާނީ 1މ 33ސ
މައްސަރު ކަންތައް ޖެހޭއިރު ވާތަދު، ހާޓްއެޓޭކެއް ޖެހުމާ އެއްފަދަ  -  ޑޮކްޓަރުން އެކަމާއި އަޅާނުލަނީ ކީއްވެ؟
މައްސަރު ކަންތައް ޖެހުމުން، ތަޙައްމަލު ކުރަންޖެހޭ ވޭން އެންމެ ބޮޑަށް އެނގޭނީ އަންހެނުންނަށެވެ. ބައެއް އަންހެނުންނަށް އެދުވަސްކޮޅު ތެދުވެ އުޅެންވެސް ދަތިކަމަކަށް ވެއެވެ. ނަމަވެސް ހިތާމައަކީ ގިނަ މީހުން އެކަމާއި އަޅާނުލާ ކަމެވެ. އެއީ އެމީހުން ދެކޭ ގޮތުގައި އަންހެނުންނަކީ ކޮންމެކަމެއް ވެސް ބޮޑު ކަންެތައްގަނޑަކަށް ހަދާލާ ބައެކެވެ. ކަމެއް ނުވިޔަސް ބައިވަރު ކަންތައްތަކެއް ވެޔޭ ބުނާ ބައެކެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަން ގެ ޕްރޮފެސަރ އޮފް ރީޕްރޮޑަކްޓިވް ހެލްތު، ޖޯން ގިލްބާރޑް، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރި ދިރާސާއެއްގައި ބުނެފައިވަނީ އަންހެނުންނަށް މައްސަރު ކަންތައް ޖެހޭއިރު އެވާ ތަދު ހާޓްއެޓޭކެއް ޖެހުމާ އެއްފަދަ ކަމަށެވެ.

"ގިނަ ފިރިހެނުންނަކަށް އެކަމެއް ނުވިސްނޭ. އަދި އެކަމަށް ދޭންވާ ސަމާލުކަން ވެސް އަސްލު ނުދެވި ހުރީ. އަހަރެން ޤަބޫލު ކުރާ ގޮތުގައި، ސިއްޙީ އެެހެން މައްސަލަތައް ފަދައިން މައްސަރު ކަންތައް ޖެހުމުން އަންހެނުން ތަޙައްމަލު ކުރާ ވޭނަށް ވެސް ފަރުވާ ލިބެން ޖެހޭނެ" ޖޯން ގިލްބާރޑް ބުނެފައިވެއެވެ.

ޙަގީގަތުގައި ވެސް މައްސަރު ކަންތައް ޖެހުމުން އަންހެނުންނަށް ވާތަދުތަކަށް ސިއްޙީ ގޮތުން ވެސް އަދި އާއިލީ ގޮތުން ވެސް ގިނަ ފަހަރަށް އެހީއެއް ނުލިބެއެވެ. އެފަދަ ކަމެއް ދިމާވެގެން އާއިލާ މީހެއް ގާތު ބުނުމުން ވެސް ގިނަ ފަހަރަށް ދޭނީ ޕެނެޑޯލް ގުޅައެއް އެކަންޏެވެ.

ހަމައެކަނި މައްސަރު ކަންތައް އެކަންޏެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަންހެނުންނަށް ދިމާވާ ވަރަށް ގިނަ ސިއްޙީ މައްސަލަތައް އެހާ ސީރިއަސްކޮށް ޑޮކްޓަރުން ނުނަގާ ކަމަށް ވެސް ޖޯން ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔުމުން އަންހެނުންނަށްވުރެ އަވަހަށް ފިރިހެނުންނަށް ފަރުވާ ދެއެވެ.
މިއަދު އޮންލައިން