ރާއްޖޭގައި ވެކްސިނޭޝަން ކަވަރޭޖު 95 އިންސައްތައަށްވުރެ މަތީގައި ވަނީ ހިފެހެއްޓިފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަހަރުގެ މިހާތަނަށް ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ރާއްޖޭގައި ވެކްސިނޭޝަން ކަވަރޭޖް ވަނީ ވަރަށް ކުރިއްސުރެ 95 އިންސައްތައަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ހާސިލުކުރެވިފައިވާ ސިއްހީ މިންގަނޑުތައް ކާމިޔާބުކުރުމުގަ އެންމެބޮޑު މައިގަނޑު ސަބަބެއްގެ ގޮތުގަ ފާހަގަކުރެވޭ" މައިމޫނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ގައިން ގަޔަށް ނާރާ ބައެއް ބަލިތައް މިހާރުވަނީ ނައްތާލެވިފައި ކަމަށާއި އެގޮތުން ޕޯލިއޯ، ޓެޓްނަސް، މެލޭރިއާ، ފައިލޭރިއާ، ހިމަބިހި ވަނީ ރާއްޖެއިން ނައްތާލެވިފައި ކަމަށެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތައްކޮންޓްރޯލުވެ، ގިނަބަލިތައް ނައްތާލެވިފައިވާ އިރު، އެންމެބޮޑު ގޮންޖެހުމަކަށް މިހާރުވެފައިވަނީ ގައިން ގަޔަށް ނާރާބަލިތައް އިތުރުވެގެން ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމަމިއާއެކު މޫސުމީ އަދި ތިމާވެށީގެ ގޮތުން ދިމާވާ މައްސަލަތަކަކީވެސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށާއި ސިއްޙަތަށް ނުރައްކާތެރި އާދަތައްކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުން ޒުވާނުންގެ މެދުގައި އިތުރުވަމުން ދިއުމާއި ރަނގަޅު ކާނާ ބޭނުން ނުކުރެވުމާއި ބޭނުންކުރެވޭ ކާނާތަކަކީ ސިއްހަތަށް ގެއްލުންހުރި ކާނާއަށްވުމަކީވެސް ގޮންޖެހުމެއްކަމަށް މައިމޫނާ ވިދާޅުވިއެވެ.
މައިމޫނާ ވިދާޅުވީ މައިގަނޑުގޮތެއްގައި ސިއްޙީ ޙާލަތުތައް ދިމާވެފައި އޮތީ ދިރިއުޅުމުގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި ބައްޓަންވެފައި ހުރިގޮތުން ކަމަށެވެ. އަދި ބިދޭސީން ގިނަވުމަކީވެސް ގޮންޖެހުމެއް ކަމަށެވެ.