ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި މިތާރީޚުގެ ފަހުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ކަސްޓަމަރުންނަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ނުލިބުނު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ޑިޕޮޒިޓް، ޓްރާންސްފަރ އަދި ފައިސާ ދެއްކުމުން ޓްރާންސެކްޝަން ފުރިހަމަވީ ކަން ޔަގީންކުރުމަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ލިބޭނެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ތިމާވެށި ރައްކާތެރިކުރުމަށް އެބޭންކުން ކުރަމުންދާ މަސައްކަތުގެވެސް އެއްބައިކަމަށާއި ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާއެކު ކުނި ގިނަވުމުގެ މައްސަލައަށްވެސް ލުޔެއް ލިބޭނެކަމަށެވެ.
ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު މި ޚިދުމަތަށް އެފަރާތެއްގެ މޮބައިލް ނަންބަރު ރަޖިސްޓްރީ ކުރެވޭނެކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.