މިފްކޯ މަސްވެރިކަމުގެ މޫސުމަށް ވެސް، މޫސުމުގެ ފަހަށްވެސް ތައްޔާރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
މިފްކޯ މަސްވެރިކަމުގެ މޫސުމަށް ވެސް، މޫސުމުގެ ފަހަށްވެސް ތައްޔާރު!
ރާއްޖޭގެ އެންމެ ގިނަ ބައަކު މަސައްކަތްކުރާ ސިނާއަތްކަމަށްވާ މަސްވެރިކަމުގެ މޫސުމަށް ސަރުކާރުގެ މަސްކުންފުނި- މިފްކޯ އޮތީ ތައްޔާރަށް ކަމަށާއި އަދި މަސްވެރިކަމުގެ މޫސުމުގެ ފަހަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފިއެވެ.

މިފްކޯ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްކޯގެ ޗެއަރމަން އަހްމަދު ޝަހީރު ވިދާޅުވީ ކުރިއަށް އޮތީ މަސްވެރިކަމުގެ މޫސުން ކަމަށްވާތީ މިފްކޯ އިން ދަނީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން މަސްކިރޭނެ ގޮތްތަކާއި އައިސް ލިބޭނެ ގޮތާއި މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖައްސަން މިފްކޯއިން ޚާއްޞަ މަސައްކަތްތަކެއް ކޮށް އެކަންކަމުގެ އިންތިޒާމުތައް މިހާރުވަނީ ހަމަޖެހިފައި ކަމަށެވެ.

ޝަހީރު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މިކަންކަން ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ކުންފުނީގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް މަސް އެކްސްޕޯޓް ކުރުމަށްޓަކައި ބޭރުގެ ބަޔަރުންނާއި އޮންނަ ގުޅުން ވަނީ ރަނގަޅުކުރެވިފައި ކަމަށެވެ.



"މިހާރުވެސް ވަނީ ވަރަށް ގިނަ އޯޑަރުތައް ބުކްކޮށްފަ. ފެލިވަރު ދަނީ ފުލްފުލެޖުގައި މަސައްކަތްކުރަމުން. ކުރިއާ އަޅާބަލާއިރު ފެލިވަރުގެ އުފެއްދުންތައް މިހާރުވެސް ވަނީ 30 އިންސައްތަ އިތުރުކުރެވިފަ. ފެލިވަރުގައި ބަހައްޓާ ޕައުޗް ޕްލާންޓުގެ މަސައްކަތްތައް ނޮވެންބަރު މަހު ފަހުކޮޅު ނިންމައި އެކްސްޕޯޓްކުރަން ޑިސެންބަރު މަހު ފެށޭނެ. މިހާރުވެސް ވަނީ ބަޔަރުންނާއިއެކު މަސައްކަތްކޮށް އޯޑަރުތައް ލިބެން ފަށާފަ."
ޝަހީރު ވިދާޅުވީ ކުންފުނި ހިންގުމުގެ ޚަރަދުތައް ވީހައި ކުޑަކުރުމާއިއެކު ވީހައި ފުރިހަމައަށް ކުންފުނި ހިންގަން މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ.

"އައިސްޕްލާންޓްތައް ރަނގަޅުކޮށް ފްރީޒް ކުރުމުގެ ފެސިލިޓީތައްވެސް ރަނގަޅުކޮށް، ފަސޭހައިން މަސްކިރޭނެ ގޮތްތައް ހަމަޖައްސަން މިހާރުވެސް ވަނީ މަސައްކަތްތަކެއް ކުރެވިފަ. މެނޭޖްމަންޓް އެފިސަންޓް ކުރުމަށްވެސް ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ."

ޝަހީރު ވިދާޅުވީ މިފްކޯ އާއި އެސްޓީއޯ ގުޅުނު ދުވަސްވަރު، އެގުޅުމުގެ ސަބަބުން ވާނެ ގޮތްތަކާއިމެދު ގިނަ ބައަކު ސުވާލުކުރި ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިފްކޯއަކީ ވަރަށް ޤާބިލު އަދި ވަރަށް އިޚްލާޞްތެރި ބައަކު ތިބި ކުންފުންޏެއް ކަމަށް. މެނޭޖްމަންޓާއި ޓެކްނިކަލް ދާއިރުގައިވެސް ވަރަށް ޤާބިލު ބައަކު ތިބި ކުންފުންޏެއް. އެހެންވެ މިހާރުވެސް މިވަނީ މިފްކޯއަކީ ގެއްލުމުގެ ބަދަލުގައި ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވިފަ. އަހަރު ނިމުމުން އެކަމުގެ ތަފްޞީލުތައް ހާމަކުރާނަން."

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތައް ހާމަކުރައްވަމުން ޝަހީރު ވިދާޅުވީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ކުރިން އޮތް 3 ކުންފުނި އެއްކޮށް އެއިރު ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ. "3 ކުންފުނި ވަކިން އޮތް ދުވަސްވަރު ބޮޑެތި މައްސަލަތަކެއް ހުރި. އިންފްރާސްޓްރަކްޗަރ ހުރީ ވަރަށް ބޮޑަށް ވީރާނާ ވެފަ. ހުރިހާ ދިމާއެއްގަ އިންވެސްޓްކުރަންޖެހިފަ ހުރީ. އެހެންވީމާ ވަރަށް ގިނަ މައްސަލަތަކާއިއެކު ވާރުތަވީ. ވާރުތަވި އެމައްސަލަތައް ހައްލުކުރަން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވިފަ."

ޝަހީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯމަސް ނުވަތަ ފިނިކުރި މަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި މަހުން ތަފާތު ބާވަތްތައް އުފައްދައިގެން ބޭރުކުން ކަމަށެވެ. "ޕައުޗުގައި ނަމަވެސް ދަޅުގައި ބަންދުކޮށްގެން ނަމަވެސް އިތުރު އަގު ލިބޭނެ ގޮތަށް ބޭރުކުރުން."

މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ސަރުކާރުން ބަދަލުކުރިފަހުން މަސް ގަންނަ އަގު ކިލޯއަކުން 1 ރުފިޔާ ބޮޑުކުރި ކަމާއި މަސްވެރިންނަށް ވީހައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށް ދިނުމަށްޓަކައި ދެ ފަހަރެއްގެމަތިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރެވިފައިވާކަން ވެސް ޝަހީރު ވަނީ ފާހަގަކުރައްވައިފައެވެ.

ޝަހީރު ވަނީ މިފްކޯގެ ކަންކަން ކުރިއަރުވަން ރައީސް ޢަބްދުﷲ ޔާމީން ބަހައްޓަވާ ޚާއްޞަ ސަމާލުކަން ފާހަގަ ކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މާލީ ވަޒީރާއި މަސްވެރިކަމާއިބެހޭ ވަޒީރު ދެއްވަމުން ގެންދަވާ ސަމާލުކަންވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު އޮންލައިން