މާމަ/ކާފަ ދަރިން ބަލާ, މާމައިންނާއި ކާފައިންގެ އުމުރު ދިގުވޭ- ދިރާސާ

ކިޔުމަށް ހޭދަވާނީ 1މ 40ސ
މާމަ/ކާފަ ދަރިން ބަލާ, މާމައިންނާއި ކާފައިންގެ އުމުރު ދިގުވޭ- ދިރާސާ
އާއިލީ ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އާއިލީ ގުޅުން ދެމެހެއްޓުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރަށް ގިނަ ގުނަ ފައިދާތަކެއް ކުރާ ކަމެކެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާތަކެއްގައި ބުނެފައިވަނީ، އެކަނިވެރިކަމަކީ އިންސާނާގެ އުމުރު ކުރުވާ އަދި ނުކުޅެދުންތެރި ކުރުވާ ކަމެއް ކަމަށެވެ.

އެމީހުން ބުނެފައިވާ ގޮތުގައި އެކަހެރިކޮށް ދިރިއުޅޭ މީހުންނަށް ކަންކަމާއި އަމިއްލައަށް ކުރިމަތިލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އަދި އޭގެ ސަބަބުން ސިއްޙީ އެތަކެއް މައްސަލަތަކެއް ޖެހި ދުނިޔެއިން ވަކިވުން ފަދަ ކަންކަން ވެސް ކުރިމަތިވެއެވެ.

މިގޮތުން ސައިސްވެރިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، އުމުރުން ދުވަސްވެފައި ތިބޭ މީހުން އެމީހުންގެ މާމަ/ކާފަ ދަރިން ބަލާ އެކުދިންނާއިއެކު ގިނަ ވަގުތު ހޭދަ ކުރުމުން އެމީހުންގެ ސިއްޙަތު ވަރަށް ބޮޑަށް ރަނގަޅުވެ، އުމުރުވެސް ދިގުވެއެވެ.

ބޮސްޓަން ގެ ކޮލެޖަކުން 2004 ވަނަ އަހަރު ކުރި ދިރާސާއެއްގެ ނަތީޖާއެއްގެ ގޮތުގައި ރިޕޯޓުކޮަށްފައިވަނީ، މާމައިންނާއި ކާފައިން އެމީހުންގެ މާމަ/ކާފަ ދަރިންގެ ހުރިހާ ކަމެއް ކުރުމުގައިވެސް ބައިވެރިވާން ވަރަށް ބޮޑަށް ބޭނުންވާ ކަމާއި އެކަމުން އެމީހުންނަށް ވަރަށް އުފާ ލިބޭ ކަމަށެވެ. އަދި އެމީހުންނަށް ބަދަލުގައި ލިބޭ އެއްޗަކަށް ވުރެ ބޮޑަށް އެމީހުން އެކުދިންނަށް އެއްޗެހި ދޭން ވެސް ބޭނުންވާ ކަމެވެ.

ބޮސްޓަން ކޮލެޖުގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ ޑރ. ސާރާ އެމް.މޯމަން ބުނެފައިވަނީ އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނާއި އެކު އެމީހުންގެ މާމަ ކާފަ ދަރިން، ދެމެހެއްޓެނިވި ރަނގަޅު ގުޅުމެއް ބެހެއްަތުމަކީ، އެމީހުންގެ (އުމުރުން ދުވަސް ވެފައި ތިބި މީހުންގެ) ސިއްޙަތައް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

"މާމަ/ކާފަ ދަރިންނާއިއެކު ގުޅުން ރަނގަޅުވެ ގާތް ގުޅުމެއް އޮތުމުން އެމީހުންގެ (މާމައިންނާއި ކާފައިންގެ) އެކަނިވެރިކަން ފިލާ، ނަފްސާނީ ގޮތުން ވަރުގަދަވެ ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް އެމީހުންނަށް ލިބުމަށް ވެސް މަގުފަހި ކޮށްދޭ" ޑރ. ސާރާ ބުނެފައިވެއެވެ.
މިއަދު އޮންލައިން