17 އަަހަރުވަންދެން ރާއްޖެ ހިފައިގެން ރާއްޖޭގައި ތިބެ ދިވެހިން އަޅުވެތިކޮށްގެން އުޅުނު ޕޯޗްގީޒުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރެވުނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު އެކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީންކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ.
ބޮޑުތަކުރުފާނު އެފަދަ މަތިވެރި ޤްރްބާނީއަކަށް ކުރިމަތިލެއްވެވީ ޕޯޗްގީޒުން އެމަނިކުފާނާއިމެދު މާބޮޑަށް އަނިޔާވެރިވެގެނެއް ނޫނެވެ. އެމަނިކުފާނަށްވެސް އަނިޔާ ލިބިވަޑައިގަންނަވަމުން ދިއައީ އެހެން ދިވެހި ރައްޔިތުންނަށްވެސް އަނިޔާ ލިބެމުން އައި ވަރަށެވެ. ވަކިން އިތުރު އަނިޔާއެއް ނުކުރެއެވެ.
"ކަޅުއޮއްފުންމި"ގެ ނަމުން މަޝްހޫރުވެފައިވާ އަނގަމަތީ ކުޑަކުޑަ ދޯންޏެއްގައި އެތައް އަހަރެއްވަންދެން އެއްވެސް އަރާމުކުރެއްވެވުމެއް ނެތި ކަނޑުމަތީގައި ރެއާއި ދުވާ ހޭދަކުރެއްވެވީ އެއީ ކުރައްވަން ފަސޭހަފުޅުކަމަކަށްވެގެން ހެއްޔެވެ؟ ބޮޑުތަކުރުފާނު ކަޅުއޮއްފުންމީގައި ކުރެއްވެވި ޖިހާދު ދުނިޔޭގެ ރެކޯޑަކަށް ވެގެންދަނީ ކީއްވެގެން ހެއްޔެވެ؟
ހަމައެކަނި މިކަންކަމަށް ބަލައިލި ނަމަވެސް މިފަދަ ޖިހާދެއް ކުރެއްވެވި އެއްވެސް ލީޑަރަކު ދުނިޔޭގެ ތާރީޚުން ފެންނަން ނެތްކަމީ އެއްބަސްވާންޖެހޭ ޙަޤީޤަތެކެވެ.
ޕޯޗުގީޒުންނަކީ އެއިރު ދުނިޔޭގެ ކަނޑުތަކަށް ވެރިވެގަނެގެން އުޅުނުބައެކެވެ. އެމީހުން އެއިރު މަޝްހޫރުވެފައިވަނީ ކަނޑުގެ ބާޒުުގެ ނަމުގައެވެ. ކަނޑުތައް ފުރިފައިވަނީ އެމީހުންގެ ނައު ފަހަރުތަކުންނެވެ. ހަނގުރާމަމަތީ އުޅަނދުތަކުންނެވެ.
ޤައުމުގެ މިނިވަންކަމަށްޓަކައި ތަފާތު ޤްރްބާނީތައް ވެވަޑައިގެންނެވި ބަޠޮލުންގެ ވާހަކަތައް ދުނިޔޭގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. ޖަލުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ލީޑަރުންވެސް އެބަތިއްބެވިއެވެ. ބޮޑެތި އަނިޔާތައް ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންެނެވި ލީޑަރުންވެސް އެބަތިއްބެވިއެވެ.