އަހަރުގެ ބޮޑު ޗުއްޓީއަށް މާލެއިން އެންމެން ފުރަނީ، ގެތައް ހުސްވަނީ، މުދަލާއި ގެދޮރު ސަލާމަތް ކުރުމަށް ސަމާލުވޭ..

ކިޔުމަށް ހޭދަވާނީ 2މ 7ސ
އަހަރުގެ ބޮޑު ޗުއްޓީއަށް މާލެއިން އެންމެން ފުރަނީ، ގެތައް ހުސްވަނީ، މުދަލާއި ގެދޮރު ސަލާމަތް ކުރުމަށް ސަމާލުވޭ..
މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި، އަހަރުގެ ބޮޑު ޗުއްޓީ ލިބޭ ދުވަސްވަރެވެ. ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ ޢަދަދެއްގެ މީހުން އަވަސްވެ ގަންނަނީ ޢާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން އަތޮޅު ތެރެއަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުމަށެވެ.

އަޅުގަނޑުމެން އެކި ދިމަދިމާއަށް ފުރައިގެން މިދަނީ ގެދޮރާއި ހިފާގެންގުޅޭ އަގުބޮޑެތި ސާމާނުތައް އެންމެ ރަނގަޅަށް ރައްކާތެރިކޮށްފައިތީ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢުމުރުދުވަސް ހޭދަކޮށް، "ލޮލިގެ ނާރު" ކޮށައިގެން އާރާސްތުކޮށްފައިވާ ދިރިއުޅުން ވިއްސިވިހާލިވެގެން ދިޔަ ނުދެއްވާށެވެ.

ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފުރުމުގެކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޗުއްޓީއަށް ދިއުމުގެ ކުރިން ގޭގައި ހުންނަ އަގޮބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ވީއެންމެބޮޑަށް ރައްކާކުރުން ވަރަށް މުހިންމެވެ.

މީގެ އިތުރުން ގޭގައި ފައިސާ ރައްކާކުރުމަކޯ އެއްގޮތަކަށްވެސް ބުއްދިވެރިކަމެއް ނޫނެވެ. އެންމެ ބުއްދިވެރިގޮތަކީ ބޭންކަށް ފައިސާ ޖަމާކުރުމެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑާއި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓާ ރައްކާކުރުން ވަރަށް މުހިންމެވެ.

ޗުއްޓީގައި ހުރިނަމަވެސް އިތުބާރު ކުރެވޭ ފަރާތެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. އަދި ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާއި ގެ ބަލަހައްޓަން ހަވާލުކުރުންވެސް މުހިންމެވެ.

ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމާއި ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމާއި ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތި ގޭތެރޭގައި ބަހައްޓާ، ތަޅުދަނޑު ފަދަތަކެތި ފެންނަ ހިސާބުގައި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއް ހަލާކުވެ، ތަޅު ބަދަލުކުރަން ޖެހހިފައިވާ ނަމަ، ފުރުމުގެ ކުރިން އެކަންތައް ކުރުމަކީވެސް ވަރށް މުހިންމު ކަމެކެވެ.

މިކަންތައްތަކަށް ސަމާލުވުމަށް ފުލުހުންވެސް އިލްތިމާސް ކުރައްވާފައިވާ އިރު، މިއީ ފަރުދީ ކަމެއްގެ ގޮތުގައި ދެކުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެވޭ ޤުރުބާނީއެކެވެ.

މި ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމިފައިވާ އިރު، ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން