ދިވެހި ރައްޔިތުން ވަކަރަށް ޖެހުން ހުއްޓާލަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދިވެހި ރައްޔިތުން ވަކަރަށް ޖެހުން ހުއްޓާލަންޖެހޭ!
ދިވެހިރައްޔިތުން ވަކަރަށްޖެހުން ހުއްޓާލަންޖެހެއެވެ. ދިވެހިރައްޔިތުންނަކީ ވަކަރަށް ޖަހަން ޖެހޭ ބައެއް ނޫނެވެ. ޚާއްޞަކޮށް ދީނީ ކަންކަމުގައެވެ.

މީގެ 900 ވަރަކަށް އަހަރު ކުރިން ދިވެހިން އިސްލާމް ދީން ޤަބޫލުކުރީންސުރެ މިއަދާއި ހަމައަށް އިސްލާމް ދީންމަތީގައި ދެމިތިކަމަށް ވިސްނައިލުމުން އެކަނިވެސް ދީނީ ކަންކަމުގައި ދިވެހިން ވަކަރަށް ޖެހުމުގެ ބޭނުމެއް ނެތްކަން އެނގިގެންދެއެވެ.

ކުރީގެ ތާރީޚަށް ބަލާނަމަ ޕޯޗުގީޒުންގެ ބައަކު ރާއްޖެ ހިފައިގެން ތިބީ ރާއްޖެއިން މާބޮޑެތި މާލީ މަންފާތަކެއް ކުރާނެތީއެއް ނޫނެވެ. ހަމައެކަނި ބޭނުމަކީ ދިވެހިންގެ ދީން ބަދަލުކޮށް ކްރިސްޓިއަން ކުރެވުމެވެ. މުރުތައްދު ހަސަން އެކަން ކުރުމުން ކޮންމެ ދިވެއްސެއްގެ އަޤީދާ އަކީވެސް ބަދަލުކޮށްލެވިދާނެ އަޤިދާއެއް ކަމަށް ބަލައިގެންނެވެ.

ފަހުގެ ތާރީޚަށް ބަލާއިރު އައްޑޫ ސިޓީގައި ބުދުތަކެއް ބެހެއްޓީވެސް ފައްޅި އެޅުމަށްޓަކައި ދިވެހިން ވަކަރަށްޖަހައިލުމަށް ކަމަށް ދީނީ ޢިލްމުވެރިން އެއިރު ވަނީ ވިދާޅުވެފައެވެ.

މިއަދު މިއިވެނީ ތާރީޚީ މިސްކިތްތައް ތަޅައި އެބިމުގައި ބުރިބުރިއަށް އިމާރާތް އަޅާ ވާހަކަ އާއި ހުކުރު މިސްކިތު ގޯތިތެރޭގައި ކެފޭފަދަ ތަންތަން ހުޅުވަން އުޅޭ ކަމުގެ ވާހަކަތަކެވެ.

ދެން މިއިވެނީ އެކަންކަން ކުރަން ނުއުޅޭ ކަމުގެ ވާހަކަތަކާއި އިތުރަށް ދިރާސާ ކުރުމަށްޓަކައި އިއުލާނު ބާޠިލުކުރާ ވާހަކައެވެ. އިތުރަށް ދިރާސާކުރާ ކަމުގެ ވާހަކައެވެ. ހަމަ ވަކަރަށް ޖަހައިލަނީ ނޫންބާވައެވެ!

ދިވެހިރައްޔިތުންެގެ އިޙްޞާޞްތަކާއި ގުޅިފައިވާ މިފަދަ ކަންކަމުގައި ދިވެހިން ވަކަރަށް ޖެހުމަކީ ސިޔާސީ ގޮތުން ބަލައިފިނަމަ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެކަމުން ސަރުކާރަށް ލިބޭ ގެއްލުން މާބޮޑުވާނެތީއެވެ. އެތައް ހާސް ބައެއްގެ ނަފްރަތު ސަރުކާރަށް އަމާޒުވެގެންދާނެތީއެވެ.

ކެފޭ ހަދާލަން ވަރަށް ރަނގަޅު ތަންތަން އެބަހުއްޓެވެ. ތީމުގެ އާއި ހަވީރީ ހިނގުން ގުޅޭ ކަންމަތީގައި ވަރަށް ފެންވަރު ރަނގަޅު ސްވިމިންގ ޕޫލެއް ޖަޕާނު ސަރުކާރުން ވަނީ ތީމުގޭ ގޯތި ތެރޭގައި ހަދައި ދީފައެވެ. އެ ސަރަހައްދު ވަކިކޮށްލައި ކެފޭއެއް ހަދަން އުޅެފިނަމަ މަހަކު މިލިއަނެއްހައި ރުފިޔާ ދައުލަތަށް ލިބިގެންދާނެއެވެ.

ހުކުރު މިސްކިތުގެ ސަރަހައްދުގައި އެފަދަ ތަނެއް ހަދާނަމަ ހުކުރު މިސްކިތާއި މެދު ޒިޔާރަތާއި ނުބެހި އެކަން ކުރެވޭނެ ވަރަށް ބޮޑު ޖާގަ މިހާރުވެސް އެބައޮތެވެ. ފަޅުވެފައިވާ ތަންތަނާއި ސަރަހައްދުތައްވެސް އެބަހުއްޓެވެ.

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ދަފްތަރު ހަދައި ކާން ދާންވީ ސަރަހައްދުތައް އިއުލާނުކުރުމުން ކުރަންޖެހުނު ތަޖުރިބާކުރުން ހައުސިންގ މިނިސްޓްރީން ހުއްޓާލަން އެބަޖެހެއެވެ.

އުފަލުގައި ކޮތަރުތައް އުޅުނީ މީހުން ދޭ ކާއެތިކޮޅުން ފުދިގެންނެވެ. ދައުލަތުގެ ބަޖެޓަށް އެއްވެސް ބުރައެއް ނުޖެހޭނެ ގޮތަށެވެ. ނަމަވެސް ދަފްތަރު ހެދުމުން ދައުލަތުގެ ބަޖެޓުން ގަނެފައި ހުރި ތަކެތި ގެންގޮސް ކާންދޭން ޖެހުނުތަން ވަނީ ޢާންމުންނަށް ފެނިފައެވެ.
މިއަދު އޮންލައިން