ދިވެހިރާއްޖެއަކީ 'ކުޑަ' ޤައުމެކެވެ. ވަސީލަތް 'މަދު' ޤައުމެކެވެ. މާލީ ގޮތުން 'ދަށް' ޤައުމެކެވެ. މިއީ އެންމެ ޅައިރުއްސުރެން އަހަރެންގެ ކަންފަތުގައި ޖެހޭ ވަރަށް އާންމު ވާހަކަތަކެވެ. 'ކުޑަ'، 'މަދު' އަދި 'ދަށް'، މި ވާހަކަތައް އެންމެ ބޮޑަށް ދިވެހިންގެ ތެރޭގައި ދައްކަނީ ދިވެހިރާއްޖެ ތަރައްޤީވުމަށް އޮތް އެންމެ ބޮޑު ހުރަހުގެ ގޮތުގައެވެ.
ދުނިޔޭގެ ކޮންމެ ޤައުމެއް ވެސް ތަރައްޤީގެ އުސްމިނަށް ވާސިލުވުމަށް މަސައްކަތްކުރަމުންދާއިރު، އެއިން ކޮންމެ ޤައުމެއްގައި ވެސް އެ ކަންކުރުމުގައި ހުރަސްތަކާއި ދަތިތަކެއް ވެސް ހުންނާނެއެވެ.
ތަރައްޤީގެ އުސްމިނަށް ދިޔުމުގެ ރޭހުގައި ދިވެހިރާއްޖެ ވެސް ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ބޭންކުން 2013ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ 1970ގެ އަހަރުތަކުގައި ދުނިޔޭގެ އެންމެ ފަޤީރު 20 ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނު ނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ އެދެވޭ ވަރުގެ ކުރިއެރުމެއް ހޯދައި، ދިވެހިންގެ ފުދުންތެރިކަން އިތުރުކޮށްފައެވެ.
އެހެން ނަމަވެސް އަދިވެސް ދިވެހިންގެ ތެރޭގައި މި ވާހަކަތަކަށް ހުއްޓުމެއް ނާދެއެވެ. ކުރިއެރުން ލިބުނު ނަމަވެސް ތަރައްޤީގެ އެ އުސްމިންތަކަށް ދާން ދިވެހިން ކޮންމެހެން ވެސް ބޭނުންވެއެވެ. އެހެން ނަމަވެސް، 'ކުޑަ' ޤައުމަކަށް ވީތީވެ، ވަސީލަތް 'މަދު' ވީތީވެ، ތަރައްޤީއަށް ހުރަސްތަކެއް އެޅިގެން ދިޔައީއެވެ.
ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ވަރަށް މަދެވެ. ބިމުގެ ގޮތުން ވެސް ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ކުޑަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މުޅި އިޤްތިޞާދު ވެސް ބިނާވެފައިވަނީ ހަމައެކަނި ދެ ސިނާއަތަށެވެ. އެއީ ފަތުރުވެރިކަމާއި މަސްވެރިކަމެވެ. ފަހަކަށް އައިސް މަސްވެރިކަމުގެ ސިނާއަތް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ދިވެހިރާއްޖޭގެ މާލިއްޔަތުގައި ބިޔަ ތަރައްޤީއެއް ހިންގަން ރަނގަޅު އާމްދަނީއެއް ނެތުމުން ގިނަ ތަރައްޤީގެ މަސައްކަތްކުރެވެން ވެސް މި އޮތީ ބޭރު މީހުންގެ އެހީ ނުވަތަ ލޯނު ލިބިގެންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އެ މީހުންގެ ގާތަށް ގޮސް 'ސަލާން' ޖަހައިގެންނެވެ.
މިހެންވުމާއެކު، ރާއްޖޭގެ ޢިލްމީ މީހުންގެ ގާތުގައި މި ސުވާލުކޮށްލަން ކޮންމެހެން ވެސް އަހަރެން ބޭނުންވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެގެން މި އުޅޭ އެންމެ ބޮޑު ހުރަހަކީ ރާއްޖެ ކުޑަވުން ހެއްޔެވެ؟ ނޫނީ ކޮންމެވެސް އެހެން ހުރަހެއް މި ކަމުގައި އުޅެނީ ހެއްޔެވެ؟
އެ ގޮތުން، ދިވެހި ގިނަ މުދައްރިސުންނާ މި ސުވާލުކޮށްލީމެވެ. އެ އެންމެންހެން ވެސް އިއްތިފާޤުވަނީ އަހަރެން ކުރިން ވެސް މި ދެއްކި ވާހަކައާމެދުއެވެ. ތަރައްޤީ ގެނެވޭނީ ލިބިފައި ހުރި ވަސީލަތަކާ އެއްވަރަށް ނޫން ހެއްޔެވެ؟
އެހެން ނަމަވެސް، އަހަރެންނަށް ވަރަށް ތަފާތު ޖަވާބެއް ވެސް ލިބިގެން ދިޔައެވެ. އެއީ މީސްކޮޅު މަދު ރަށެއްގައި ކިޔަވައިދޭން ހުރި ބިދޭސީ މުދައްރިސެއްގެ ފަރާތުންނެވެ. އޭނާ އެ ރަށުގައި ކިޔަވައިދެމުން ދިޔައީ ބައިލޮޖީއާއި އެކޮނޮމިކްސް، މި ދެ މާއްދާއެވެ.
"އިޤްތިޞާދީ ނަޒަރުން ވިސްނާނަމަ، ވަސީލަތް މަދުވުން ހުރަހަކަށް ވެގެންދާނީ ލިބިފައި ހުރި ހުރިހާ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި އަދި އެންމެ ފުރިހަމައަށް ބޭނުންކުރެވުމުން. އަހަރެންގެ ޤައުމު އިންޑިއާއަކީ ބޮޑު ޤައުމެއް. ވަސީލަތާއި އަބާދީ އިންތިހާއަށް ގިނަ. އެހެން ނަމަވެސް ލިބިފައި ހުރި ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންނުކުރާތީ އެތިބީ ތަރައްޤީގެ ރޭހުގައި މާ ފަހަތުގައި. ހަމަ އެގޮތަށް ރާއްޖޭގައި ވެސް ލިބިފައި ހުރި ގިނަ ވަސީލަތްތައް އޮތީ އެއްވެސް ބޭނުމެއް ނުހިފައި." ކުރިމަތީގައި އޮތް ކަނޑޫފާ ހެދިފައި އޮތް ކުޅިއާ ދިމާއަށް އިނގިލި ދިއްކޮލަމުން އޭނާ ބުންޏެވެ.
އޭނާގެ ޖަވާބުގައި ވެސް އޮއްޓަރެއް އެބަ ހުއްޓެވެ. ދިވެހިރާއްޖޭގެ މީހުން މަދު ގިނަ ރަށްތަކުގައި ހުރި ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާފައިވަނީ ކޮން އިޤްތިޞާދީ ހަރަކާތެއް ހެއްޔެވެ؟ އެ ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް ކަހަލަ ސިނާއީ މަސައްކަތެއް ފަށާފައިވޭ ހެއްޔެވެ؟ އެ ރަށްތަކުގެ ޢިލްމީ ޒުވާނުން ތިބީ ކޮންތާކު ހެއްޔެވެ؟
އެހެނެއް ނޫނެވެ. އެ ރަށްތަކުގައި ތިބި ވިޔާނުދާ 'ޕާޓޭ' ޒުވާނުން ދަނީ އެ ވަސީލަތްތަކުގެ ބޭނުން ހިފައި، ވަރަށް ގިނަ 'ބިޔަ' ހަރަކާތްތައް ހިންގަމުންނެވެ. އެއީ އެ ތަންތަނަށް ކުނި އަޅާ، އެ ތަންތަނުގައި ހެދިފައިހުރި، ގަސްގަހާގެހި ހަލާކުކޮށް، އެ ތަނަށް ލިބިފައިވާ ޤުދުރަތީ ރީތިކަން ގެއްލުވާލުމެވެ. އެ ވަސީލަތްތައް މި ގޮތަށް ޒުވާނުންތަކަކަށް ބޭނުންކުރަން ދޫކޮށްލުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ޖެއްސޭނެ ހެއްޔެވެ؟
އެ ބިދޭސީ މުދައްރިސް ބުނި ފަދައިން، މި ވަސީލަތްތަކުގެ ބޭނުން ހިފައި ސިނާއީ އަދި އިޤްތިޞާދީ ހަރަކާތްތައް ހިންގަން ފަށައިފިނަމަ، ވަޒީފާގެ ފުރުސަތުތަކެއް އުފެދި ފަޅުވަމުންދާ ރާއްޖޭގެ އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދިރުން ވެސް ލިބިދާނެއެވެ.