ގެދޮރާއި ރުއްގަސް "ވެއްޓޭނީ" ތަ ނޫނީ "ވެރޭނީ" ތަ؟

ކިޔުމަށް ހޭދަވާނީ 1މ 57ސ
ގެދޮރާއި ރުއްގަސް "ވެއްޓޭނީ" ތަ ނޫނީ "ވެރޭނީ" ތަ؟
މުޅި ސޯޝަލް މީޑިއާގައިއި އްޔެ އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ އެއް ވާހަކައަކީ "ދިވެހިބަހުގެ އެކެޑެމީ" އިން ޚަބަރު ފަތުރާ ވަސީލަތްތަކަށް އަންގައިދީފައިވާ އެންގުމެވެ.

އެއެންގެމުގައި އެފަރާތުން ބުނެފައިވަނީ "ގަދަވަޔާއި ވިއްސާރައިގައި ގެދޮރާއި ރުއްގަސް 'ވެރޭނީ'، ވެއްޓޭނީ ނޫން" މިހެންނެވެ.

ދިވެހިބަހުގެ އެކެޑެމީގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ މިޕޯސްޓަށް ގިނަބަޔަކު ވަނީ ފާޑުކިޔާ ހަޖޫ ޖަހާފައެވެ. އެއްބަޔަކު ބުނެފައިވަނީ "އެންމެ ފަހުން މިއޮތީ އެކެޑެމީގެ މީހުންނަށް ދިވެހިބަސް ކިޔަވާ ދޭން ޖެހިފައި" ކަމަށެވެ. އެހެންބަޔަކު ބުނެފައިވަނީ "ބާރާއި އާރުން އެކެޑެމީއަށް ލަފްޒު ހެދިދާނެ، އޭގެން ކުރާ ފައިދާ އަށް ވުރެ ނޭދެވޭ އަސަރު ގިނަވާނެކަން" ދެނެގަތުމަށެވެ.

ދިވެހިބަހުގެ އެކެޑެމީގެ މިއެންގުމަށް ވަރަށް ބޮޑަށް ފާޑުކިޔުން ލިބިފައިވާއިރު، އެފަރާތުން އެއެންގި އެންގުން ރަނގަޅުކަމަށް ޤަބޫލު ކުރަނީ މަދު ބައެކެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެއް ރުއް ނަމަ "ވެއްޓޭނީ" އެވެ. ނަމަވެސް ރުއްތަކެއް ނަމަ "ވެރޭނީ" އެވެ. އޭގެ އެއްމިސާލެއްގެ ގޮތުން އެކަކު ބުނެފައިވަނީ ހަނޑުފުކެއް ވެއްޓޭއިރު، ދޮލަނގަކަށް ހަނޑުފުއްތަށް ވެރޭނީ ކަމަށެވެ.

ކޮންމެހެނަކަސް މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގަމުން ދިޔައިރު، އެންމެ ހޫނުގަދަވި އެއް ބަހުސަކަށްވީ ގެދޮރާއި ރުއްގަސް ވެއްޓޭނީތޯ ނުވަތަ ވެރޭނީތޯ އެވެ.

ދިވެހިބަހުގެ އެކެޑެމީ އިން އެންގި އެންގުން ރަނގަޅުކަން ހާމަކުރުމުގެ ގޮތުން، އެއެކެޑެމީއިން އިއްޔެ ވަނީ އެހެން ޕޯސްޓެއްވެސް ކޮށްފައެވެ. އެޕޯސްޓުގައި ވަނީ ރަސްގެތީމު ލޯފަން އީސަ ހެއްދެވި "ބޮޑު ވިއްސާރަ" ރައިވަރުން ބައިތަކެކެވެ.

އޭގެ އެއްބައިގާ ލިޔެފައިވަނީ:

"ދޭ އަރާ ކަނޑުގެ މަސް
ދޭ މި ގާފޮރި މުރަކަ ވެސް
ގޭގެ ވެރި ދޮރު ރުކާ ގަސް
ދޭ އަދާ ވެލިގަނޑުގެ ވަސް
ދޭ ވަޔާ އެރި ރާޅުގާ ވޭ
ދޭ ދިލަ ހޫނު ކަމުގާ ވޭ"، މިހެންނެވެ.

މިރައިވަރުގައި ހިމެނޭ "ގޭގެ ވެރި ދޮރު ރުކާ ގަސް" ބަހުގައި ބޮޅުއަޅާފައި ވެސް ވެއެވެ.

އެރައިވަރު ޕޯސްޓަށް ވެސް ގިނަ މީހުން ވަނީ ފާޑު ކިޔާފައެވެ. އެކަކު ބުނެފައިވަނީ ޅެމާއި ރައިވަރުގެ ހަމަ ހިފެހެއްޓުމުގެ ގޮތުން ބަސްތައް އޮޅުވައިގެން ބޭނުން ކުރާކަން ވެސް އެކެޑެމީ ބޭފުޅުންނަށް ނޭނގެނީތޯ އެވެ.

އިއްޔެއިން ފެށިގެން މިބަހުސް ކުރިއަށްދާއިރު، އަޅުގަނޑަށް ޤަބޫލު ކުރެވެނީ ދިވެހިބަހުގެ އެކެޑެމީ އިން އެބުނަނީ ރަނގަޅަށް ކަމަށެވެ. އެއް ގަސް ނަމަ ވެއްޓިދާނެ އެވެ. ނަމަވެސް ގަސްތަކެއްނަމަ ވެރޭނީ ކަމަށް ޤަބޫލު ކުރެވެއެވެ.

މިއަދު އޮންލައިން