މާލޭގެ ޓީ ޖެޓީއާއި ވިޔަފާރި ބަނދަރުގެ ތޮށިގަނޑުގެ ބޮލަޑާއި ކެޕިންތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ތޮށިގަނޑު މަރާމާތުކުރުމުގެ މަޝްރޫއު އެމްޕީއެލްއިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޖުމުލަ 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ އިބްރާހިމްޢަބްދުއްރައްޒާޤް ހަލީމް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔެތެވެ.
އެމްޕީއެލްއިން ބުނެފައިވަނީ ވިޔަފާރި ބަނދަރާއި ޓީ ޖެޓީގެ ތޮށިގަނޑު ހަލާކުވެފައިވާތާ އެތައް އަހަރެއްވެއްޖެކަމަށާއި މީގެ ކުރިން އެ ތަންތަން މަރާމާތުކުރަން މާ ބޮޑު ސަމާލުކަމެއް ދީފައިނެތް ކަމަށެވެ.
އަދި ތޮށިގަނޑު މަރާމާތުކުރަން އެމްޓީސީސީއަށް ހަވާލުކުރީ އެ ކުންފުންޏަކީ މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށްވާތީކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.