މީހުންނަށް އެންމެ ގިނައިން ދެރަދޭނީ އެންމެ ގިނައިން ދެރަ ލިބިފައިވާ މީހުން- ދިރާސާ

ކިޔުމަށް ހޭދަވާނީ 1މ 32ސ
މީހުންނަށް އެންމެ ގިނައިން ދެރަދޭނީ އެންމެ ގިނައިން ދެރަ ލިބިފައިވާ މީހުން- ދިރާސާ
މީހުންނަށް އެންމެ ގިނައިން އަނިޔާއާއި ދެރަދޭނީ، ދިރިއުޅުމުގައި އެންމެ ގިނައިން ހިތާމަތަކާއި ކުރިމަތިވެފައި ތިބި މީހުން ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ދިރިއުޅުމުގެ އެކި ކަންކަމުގައި ހިތާމަ ލިބިފައިވާ މީހުން، އެހެން މީހުންނަށް ހިތާމަ ދިނުމުގައި އުފާ ހޯދައެވެ. އަދި އެފަދަ މީހުންނަށް މީހަކު ދެރައެއް ދީފިނަމަ އެމީހެއްގެ ކިބައިން ބަދަލަށް ބަދަލު ހިފަން ވެސް އެމީހުން ބޭނުން ވާނެއެވެ.

ވަރޖީނިއާ ކޮމަންވެލްތު ޔުނިވަރސިޓީ (ވީސީޔޫ) އިން 673 ބައިވެރިންނާއި އެކު، ތިން ބަޔަކަށް ބަހާލައިގެން ދިރާސާއެއް ކޮށްފައެވެ. އެތިން ބައިގާވެސް ސުވާލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ސުވާލުތަކުގައި ގިނައިން ހިމެނެނީ އެމީހުންގެ އުޅުމާއި ގުޅޭގޮތުން ހުރި ސުވާލުތައް ކަމަށް ރިސާރޗަރުން މައުލޫމާތު ދީފައިވެއެވެ.

ރިސާރޗަރުން ބުނި ގޮތުގައި، އެމީހުން ކަނޑައެޅި ސުވާލުތަކުގައި ހިމެނެނީ "ޤަބޫލު ކުރަން" ނުވަތަ "ޤަބޫލު ނުކުރަން" މިފަދައިން ހުންނަ ޖަވާބެވެ.

މިދިރާސާގައި ބައިވެރިވި މީހުންނާއި ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި "އަހަންނާއި މެދު ގޯސްކޮށް ކަންތައް ކުރާ މީހަކަށް އަހަރެން ދޭ އަދަބު އެމީހަކަށް ޙައްޤުވާނެ"، އަދި "އަހަންނާއި މެދު ބޭއިންސާފަށް ކަމެއް ކޮށްފައިވާނަމަ، އެކަމަށް ބަދަލު ނުލިބެނީސް އަހަންނަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ" ފަަދަ ސުވާލުތައް ހިމެނެއެވެ.

މިދިރާސާގެ ބޭނުމަކީ، މުޖުތަމައުގައި ހަމަނުޖެހުމާއި މާރާމާރީ ހިންގާ ފަރާތްތަކަކީ ކޮންކަހަލަ ބައެއްކަން ހޯދާ، އެފަދަ މީހުންނަށް އެހީތެރިވެދިނުން ކަމަށް މިދިރާސާ ހިންގި ރިސާޗަރުން ބުނެފައި ވެއެވެ. އެމީހުން ބުނި ގޮތުގައި، މިދިރާސާއަކީމުޅި ދުނިޔެ އެންމެންނަށްވެސް ސުލްޙަވެރި އަމާންއޮމާން ތަނަކަށް ހެދުމަށްޓަކައި ހެދި ދިރާސާއެކެވެ.

"މުޖުތަމައުގައި ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ މީހުން ހޯދާ، އެފަދަ މީހުންނަށް އެހީތެރިވެ ދިނުމަކީ ކުރުން ވަރަށް މުހިންމު ކަމެއް. އެހެން ނޫނީ ދުނިޔެއަކީ އެންމެންނަށްޓަކައި ވެސް ރަނގަޅު ތަނަކަށް ނުހެދޭނެ" ވީސީޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑޭވިޑް ޗެސްޓަރ ބުނެފައިވެއެވެ.
މިއަދު އޮންލައިން