އިންސާނުންގެ މުހިންމުކަން ކެނޑިއްޖެއެވެ. ނުވަތަ ނެތި ހުސްވަމުން ދަނީއެވެ. ހުރިހާ ސަމާލުކަމެއް އޮތީ ހަތިޔާރަށެވެ. ސަރުކާރުތަކުން އަޅުކަން ކުރަނީވެސް ހަތިޔާރަށެވެ.
އެންމެ ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭ ފަރާތަކީ އެންމެ ބޮޑު ކަލާނގެކަމަށް ބައެއް ޤައުމުތަކުން ހަދައިފިއެވެ. އެހެންކަމުން ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭ ޤައުމަކުން ކޮންމެ ކަމެއް ކުރި ނަމަވެސް އަނގައިން ނުބުނެވޭ ޤައުމުތައް ދަނީ އިތުރުވަމުންނެވެ.
އަވަށްޓެރި އިންޑިއާ އަކީ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ބުނެއެވެ. މެދުއިރުމަތީގައި މިވަނީ ގަދަ ހުޅެއް ރޯކޮށްފައެވެ. ހުޅުގަނޑު ދަނީ ބޮޑުވަމުންނެވެ. އެހެންކަމާއިއެކުވެސް މި ބޮޑު މައްސަލައިގައި އިންޑިއާއަށް ބަހެއް ނުބުނެވިގެން އުޅޭތީ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަނީ އިންޑިއާ އިން ބަހެއް ނުބުނަނީ އިޒްރޭލަށް އޯޑަރުކޮށްފައިވާ ޒަމާނީ ހަތިޔާރުތައް ލިބުމުގައި ހުރަސްއެޅިދާނެތީ އެކަމުގެ ބިރަށް ކަމަށެވެ.
ދެން އޮތީ މުސްލިމް ޤައުމެއް ކަމަށް ބުނާ ޕާކިސްތާނެވެ. ޕާކިސްތާނުގެ އަޑެއްވެސް ނުއިވެއެވެ. ޕާކިސްތާނާއި އެމެރިކާގެ މެދުގައި މައްސަލަތަކެއް ހުރި ނަމަވެސް ޕާކިސްތާނުގެ އެންމެ ގާތް އެކުވެރިންގެ މާބޮޑު ސަމާލުކަމެއް މިކަމުގައި ނެތުމުން ހަނު އޮންނަނީ ކަމަށްވެދާނެއެވެ. އެނގޭ ކަމަކީ ހަނު އޮންނަ ކަމެވެ.
ދުނިޔެއަށް ހަމަޖެހުން ލިބޭނީ ބޮޑެތި އަދި ބާރުގަދަ ޤައުމުތަކަށް އިންސާނުން މުހިންމުވެގެންނެވެ. އެންމެ މުހިންމީ އިންސާނުން ކަމަށް ވެގެންނެވެ. އިންސާނުންނަށްވުރެ ހަތިޔާރަށް އިސްކަންދޭނަމަ ދުނިޔެއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.