"މަރުވަނީއޭ ހީކޮށް އެރޭ ބިރުން ގޮސް ރޮވުނު"

ކިޔުމަށް ހޭދަވާނީ 3މ 51ސ
"މަރުވަނީއޭ ހީކޮށް އެރޭ ބިރުން ގޮސް ރޮވުނު"
މަރަކީ ކޮންމެ ދިރޭ އެއްޗަކަށް ވެސް ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މަރުވާނީ ކޮން އިރަކު ކޮން ވަގުތަކު ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.

އެންމެ ބުއްދިވެރި މީހުންނަކީ މަރަށް ތައްޔާރުވެ ތިބޭ މީހުންނެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި މަގުން އުޅެ، ބަރާބަރަށް ޤަވައިދުން އަޅުކަން ކޮށް އުޅޭ މީހުންނެވެ.

ނަމަވެސް މިފަދަ ކަންކަމުގައި ނުއުޅޭ މީހަކާއި، މަރު އައިސް ބައްދަލުވުމުން، އެމީހަކު ގަންނާނެ ބިރާއި، ކުރާނެ އާދޭސް އެނގޭ ހެއްޔެވެ؟ މިއީ އެފަދައިން ބިރުން ގޮސް ސީދާ ވެގެންވާ ތެދުމަގު އިޚްތިޔާރުކުރި އަޚެއްގެ ވާހަކައެވެ.
" އެއީ ވަރަށް ބިރުގަތް ރެއެކެވެ. ހީވީ އަހަރެންގެ އަޖަލު ހަމަވެ، މިދުނިޔެއިން މިނިމިގެން ދަނީ ކަމަށެވެ.

އެރޭ އަހަރެން އައީ ފިލްމަކަަށް ގޮސްފައެވެ. އެފިލްމަށް ގޮސްފައި، އެކެއް ޖެހި ފަހުން ގެއަށް އައިސް އޮތީ ފޭސްބުކް އަށް ވަދެ ރައްޓެހިންނާއި ސަކަރާތް ޖަހާށެވެ. އޭގެ ފަހުން ޔޫޓިއުބުން ފިލްމެއް އަޅުވައިގެން އެބަލަން އޮތީމެވެ.

ކުއްލިއަކަށް އަހަންނަށް ގޮތްތަކެއް ވާން ފެށިއެވެ. މުޅި މީހާގެ ގައިން ވަރު ދޫވެ، ހަށިގަނޑު އައްސިވެ، ނޭވާލާން ވެސް އުނދަގޫވާން ފެށިއެވެ. އަހަންނަށް ވާން ފެށި ގޮތާއިމެދު ހައިރާންވެ، އެކަންތައްގަނޑު ރަނގަޅު ކުރުމަށްޓަކައި
ފެންފޮދެއް ބޯން ތެދުވީމެވެ. ނަމަވެސް ކުއްލިއަކަށް ބޮލަށް އެނބުރުން އަރާ، މޫނު މައްޗަށް އަނދިރިވުމުގެ ސަބަބުން އަލުން އެނދުގައި އިށީނީމެވެ. އަހަރެން ދާހިއްލަން ފެށިއެވެ. ކަންބޮޑުވެ ހާސްވާން ފެށިއެވެ.

އަހަންނަށް ވާން ފެށި ގޮތްތަކުން ލުޔެއް ލިބޭތޯ އޮށޯތީމެވެ. އެކަމަކު ހާސް ވާން ފެށުމުން އަނެއްކާ ތެދުވެ އިށީނީމެވެ. ހާސްކަންވީ އިތުރެވެ. އޭސީ ކޮޓަރިއެއްގައި އޮތް އިރުވެސް އޮތީ މުޅި މީހާ ގައިން ދާހިއްލާ ފޯވެފައެވެ. މޭގައިވެސް ރިއްސަން ފެށުނެވެ.

އެހިނދު އަހަރެންގެ ބޮލަށް ތަފާތު ޚިޔާލުތައް ވަންނަން ފެށިއެވެ.

'އަހަރެން މި މަރުވަނީ ހެއްޔެވެ؟ އަހަރެން މަރަށް ތައްޔާރު ހެއްޔެވެ؟ މިހެން އޮވެ މަރުވެއްޖިއްޔާ ކަށްވަޅުގެ އަޒާބުން ސަލާމަތް ނުވެވޭނެކަން ކަށަވަރެވެ. މަލަކުލް މައުތު ގެފާނާއި ބައްދަލު ވަނީ ހެއްޔެވެ؟ އަދި ދުވަސްކޮޅަކު އަހަރެން ދުނިޔޭގައި ބަހައްޓައިދޭން އެދިއްޖެނަމަ، އެކަން ކޮށްދެއްވާނެ ހެއްޔެވެ؟ ނޫނެކެވެ.

އަހަރެން އަދާ ނުކުރާ ނަމާދުތައް އެހާމެ ގިނައެވެ. ނުހިފާ ރޯދަތަކުގެ އަދަދެއް ވެސް ނޭނގެއެވެ. މަޖަލަކަށް ހަދާފައި މީހުންނަށް ދޮގުހެދުމާއި އެމީހުން ހެއްދުއް ހުރީ އަހަރެންގެ ކިބައިގާ ވަރަށް ބޮޑަށް އަށަގެންފައެވެ. އެއީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއްކަން ވެސް އެނގޭ އިރުއެވެ.

މިހުރިހާ ކަމަކާއިހެދި، އަޒާބު ލިބުމުން އަހަރެން ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.' މިއީ އަހަރެންގެ ހިތައް އެވަގުތު ވެރިވި ހުރިހާ ބިރެކެވެ. ބިރުން ގޮސް ރޮވެން ފެށިއެވެ.

އެހާލަތުގައި ހާސްވެފައި އޮއްވާ ފަތިސް ނަމާދަށް ބަންގި ގޮވި އަޑު އިވުނެވެ. އެހެން ރޭތަކުގައި އިވޭ ވަރަށް ވުރެ ބާރަށް، އެރޭ ބަންގީގެ އަޑު އިވުންހެން ވެސް އަހަންނަށް ހީވިއެވެ. އަހަރެން ހިތައް އެރިއެވެ.

'މަރުވާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް، ފަތިސް ނަމާދަށް ބަންގި ގޮވިއިރު އަހަރެން އަދި ދުނިޔޭގައި އެބަ ހުރީމެވެ. އެހެންކަމުން، މިއީ އަހަރެންގެ ޙަޔާތުގައި ކުރެވޭ އެންމެ ފަހު ނަމާދު ކަމުގައި ވިޔަސް، އަހަރެން ބޭނުމީ އެކަލާނގެ ޙަޟްރަތައް މިނަމާދު ކުރެވޭތޯ މަސައްކަތް ކުރާށެވެ. އިން-ޝާ ﷲ މިނަމާދަށް ފަހު އަހަރެން ދުނިޔޭގައި ހުރެއްޖެނަމަ، މަރުއައިސް ޖެހެންދެން ޤަވައިދުން ކޮންމެ ދުވަހަކުވެސް ހުރިހާ ނަމާދެއް ވެސް އަހަރެން ކުރާނަމެވެ.'
މިހެން ހިތުލާފައި، ވަރަށް ހިތްވަރާއިއެކު އަހަރެން ފާޚާނާއަށް ދިޔައީމެވެ. އަތްފައި ދޮވުމަށްފަހު ވުޟޫކޮށް، ފާޚާނައިން ނިކުމެ ނަމާދު ކުރަން ތައްޔާރު ވީމެވެ. ފުރަތަމަ އަހަރެން ނިންމީ، އަހަރެންގެ ގައިގާ އެހާ ވަރު ނެތުމުން، ގޭގައި ނަމާދު ކުރުމަށެވެ.

ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމާއިއެކު، ވުޟޫ ކޮށް ނިމުނުއިރު އަހަރެންގެ ގައިގާ ހުރީ ވަރުޖެހިފައެވެ. އޭގެ އިރުކޮޅެއް ކުރިން އިޙުސާސް ކުރެވުނު އެއްވެސް އުނދަގުލެއްގެ އަސަރެއް ނެތެވެ.

އެކަލާނގެއަށް ޙަމްދުކޮށް އަހަރެން ދިޔައީ މިސްކިތަށެވެ. އަދި އެދުވަހަށްފަހު އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލު ކޮށްލީމެވެ. އަބަދުވެސް ޤަވައިދުން ނަމާދުކޮށް ޤުރުއާން ކިޔަވަމެވެ. ރަމަޟާން މަހު ރޯދަ ހިފުމުގެ އިތުރުން ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގައި ސުންނަތް ރޯދަ ހިފަމެވެ. ދޮގުހެދުމާއި މީހުންނަށް އޮޅުވާލުން ވެސް ހުއްޓާލީމެވެ.

މަރުވާނީ ކޮންއިރަކު ކަމެއް އެއިރަކުވެސް މިހާރަކު ވެސް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް މިހާރު، އަހަރެން މަރުވެދާނެތީ ބިރެއް ނުގަނެއެވެ. ހަމައެކަނި ބޭނުންވަނީ އިތުރަށް ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ."

މިއަދު އޮންލައިން