ރަންނަމާރި ރުޅިގަދަވެ މިއަދުގެ މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށް ހުރަސް އަޅައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން މިއަދުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައާއި މާލެ އެހެން މިސްކިތްތަކާއި ރާއްޖޭގެ ރަށްތަކުގެ މިސްކިތްތަކުގައި ޚާއްޞަ ދުޢާއެއް ކުރަން އޮތުމުން 5:50 ގައި މާފަންނުން ދަތުރުފެށީ ބްލޫހެވަން ކަންމަތީގައި ހުންނަ މިސްކިތަށް މަޣްރިބް ނަމާދަށް ދިއުމަށެވެ. ނަމަވެސް މަގުމަތިން ބަންގީގެ އަޑު އިވިއްޖެނަމަ އެންމެ ކައިރިއަށް ހުރި މިސްކިތަކަށް ނަމާދަށް އަރާ ގޮތަށެވެ.
އެމިސްކިތަކީ ރޭގަނޑު ޢާންމުކޮށް ނަމާދަށް އަރައި އުޅެވޭ މިސްކިތައްވުމުން މިސްކިތުގެ ރަހްމަތްތެރިންނާއިއެކު ދުޢާގައި ބައިވެރިވުމަށެވެ. އަމިނީ މަގުން ގޮސް ފުރުޤާން މިސްކިތް ފަސްދީ ދެވުނު އިރު ބަންގީގެ އަޑެއް ނުއިވެއެވެ. ސޯސަން މަގުން ގޮސް އިބްރާހީމީ މިސްކިތް ހުރަސްކޮށް ދެވުނު އިރުވެސް ބަންގީގެ އަޑެއްވެސް ނުއިވެއެވެ. ބްލޫހެވަން ކަންމަތީގައި ހުންނަ މިސްކިތުގެ ފާރުކައިރީގައި ސައިކަލް ޕާކުކުރިއިރުވެސް ބަންގީގެ އަޑެއް ނުއިވެއެވެ. މިސްކިތުގެ ގޯތިތެރެއަށް ވަންއިރު ބަންގި ގޮވައި ނިމެނީއެވެ.
ޢާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ ސޯސަން މަގުން ސިޓީ ބޭކަރީ ކައިރިން ބަންގި ފަށައިފިނަމައެވެ. އެއިރު އިބްރާހީމީ މިސްކިތުގެ ބަންގީގެ އަޑު އިވޭނެއެވެ. މަޑުނުކޮށް ހިނގައްޖެނަމަ ބަންގި ނިމޭއިރަށް ބްލޫ ހެވަން ކައިރީ މިސްކިތަށް ދެވޭނެއެވެ. ބަންގީގެ އަޑު މެދު ނުކެނޑި އިވޭނެއެވެ.
އެހެން ނަމަވެސް މިއަދު ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. އެހެންކަމުން ނަމާދު ނިމިގެން އެހެން މީހުންނަށް މިސްކިތުން ބޭރުން ބަންގީގެ އަޑު އިވުނުތޯ ސުވާލުކުރުމުން ބުނީ ނުުއިވޭ ކަމަށެވެ. އެތަނުގައި ތިބި ބައެއް މީހުން ބުނީ މިރެއަކީ ރާއްޖެ އިސްލާމްވީ ރޭކަމަށްވާތީ ރަންނަމާރި ރުޅިގަދަވެ ތާޅަފިލިތަކުގެ އަޑު ކަނޑައިލީ ކަމަށްވެދާނެ ކަމަށެވެ.
އެވަރުން މިސްކިތަށް ދިއުމުން ދުޢާކުރެވޭނެ ގޮތެއްވެސް ނުވިއެވެ. މިސްކިތުގައި ދުޢާ ނުކުރާތީއެވެ. މިރޭ ހުރީވެސް އައު މުދިމެކެވެ. މުދިމު ކައިރީ ދުޢާ ނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ދުޢާއެއް ކުރަންޖެހޭކަން އެނގިފައި ނެތް ކަމަށާއި ކުރާނެ ދުޢާއެއް ދީފައިވެސް ނުވާކަމަށެވެ.
އެ މިސްކިތަކީ ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރާ މިސްކިތެކެވެ. އެހެންކަމުން އެ މިސްކިތުގައިވެސް މިރޭ ދުޢާކުރާނެ ކަމަށް ބަލައި ދުޢާގައި ބައިވެރިވަން ދިއަ އެންމެންނަށް ލިބުނީ މާޔޫސްކަމެކެވެ. ދުޢާ ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ އެހެން މިސްކިތްތަކުގެތެރޭގައި އެ މިސްކިތް ނުހިމެނުމުންނެވެ.