ވިސްނާލައްވާ!..

ކިޔުމަށް ހޭދަވާނީ 1މ 12ސ
ވިސްނާލައްވާ!..
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގައި ސަރުކާރުން އަންނަނީ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވާރަށް އަރާ، ފައިބާ ހެދޭނެ ގޮތަށް މަގުތައް ފަރުމާކޮށް ތަރައްޤީ ކުރުމެވެ. ޝުކުރުވެރިވުން ޙައްޤު މަސައްކަތެކެވެ. އަދި އެކަމަށްޓަކާ ގިނަ ބައެއްގެ ޝުކުރުވެސް ސަރުކާރަށާއި ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒުއަށް އޮހެއެވެ.

ރައްޔިތުންނަށް ފަސޭހަވާނެގޮތަށް މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ދޫކޮށްލުމުން އެތަން ބޭނުންކުރަންތިބި އަޅުގަނޑުމެން ޢާންމު ރައްޔިތުންގެ ޒިންމާތަކެއްވެސް އެބައޮތެވެ.

ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވާރަށް އަރާ، ފައިބާ ހެދޭނެ ގޮތަށް ހަދާފައިވާ ސަރަހައްދުތައް ބްލޮކްވާގޮތަށް ދުއްވާ އުޅަނދުތައް ޕާކު ކުރުން ގިނަވަމުން އަންނަކަމީ ވިސްނާލަންޖެހޭ ކަމެކެވެ.

ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މި ފަދަ ފޮޓޯތައްވެސް ޝާއިޢުވަމުންނެވެ.

މިފަދަ ކަންކަމަކީ ފަރުދީ ޒިންމާއެކެވެ. ތަނެއްގައި ޕާކު ކުރާ އިރު، އެތަނަކީ ކޮންކަހަލަ ތަނެއްތޯ، ޕާކު ކުރެވޭނެ ނުވަތަ ނުކުރެވޭނެ ތަނެއްތޯވެސް ވިސްނާލަން ޖެހޭނެއެވެ. މިފަދަ ކަމަކުން ތިބާއަށް އުނދަގޫވާ ފަދައިން އެހެން މީހުންނަށްވެސް އުނދަގޫވާނެކަން ވިސްނާލައްވާށެވެ.

އިންސާނުންނަކީ ބުއްދިދެއްވާފައިވާ ބައެކެވެ. އެ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ކުރައްވާށެވެ.
މިއަދު އޮންލައިން