ރާއްޖެއަކީ ދެކުނު އޭސިއާގެ ދުބާއީއަށް ހެދުން- ރާއްޖޭގެ އަމާޒު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރާއްޖެއަކީ ދެކުނު އޭސިއާގެ ދުބާއީއަށް ހެދުން- ރާއްޖޭގެ އަމާޒު!
ރާއްޖެއަކީ ދުކުނު އޭސިއާގެ ދުބާއީއަށް ހެދުމުގެ ވާހަކަ ސަރުކާރުތަކުން އަންނަނީ ދައްކަމުންނެވެ. ޕޯޑިއަމްތަކުގައި އެންމެ ގިނައިން ސުވާލު ކުރެވިފައިވަނީ ރާއްޖެއަކީ ދެވަނަ ސިންގަޕޫރަށް ނުހެދެންވީ ސަބަބާއިމެދުގައެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ދުބާއީ ކަމަށް ހެދުމަށް މިސަރުކާރުން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން ސްޓްރެޖިސްޓް އިމްޖާދު ޖަލީލް ވަނީ ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވައިފައެވެ.

އިމްޖާދު ވިދާޅުވެފައިވަނީ މިހާރުވެސް ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ސިފަކުރެއްވެވުމުން އަންނަ ރާއްޖޭ ސަރަހައްދުތަކުގައި އިންވެސްޓް ކުރުމަށް ސަރުކާރުން ވަނީ ފުރުޞަތު ހުޅުވާލާފައި ކަމަށެވެ. އަދި އެފުރުޞަތުގެ ބޭނުން ހިފުމުން އިންވެސްޓަރުންނަށް ވެސް ފައިދާ ލިބޭނެ ކަމަށާއި ރާއްޖެވެސް ކުރިއަރައިގެންދާނެ ކަމަށެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖެއަކީ އިންޓަރނޭޝަނަލް މެރިޓައިމް ޓްރޭޑިންގ ހަބަކަށް ހެދުމުގެ ފުރުޞަތު އެބައޮތްކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވާކަންވެސް އިމްޖާދް ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްޖެއަކީ ގިނަ މަސައްކަތްތަކެއް ކުރެވެން އޮތް ޤައުމެކެވެ. ފަތުރުވެރިކަމަށްވުރެ މަސްވެރިކަން ކުރިއެރުވުމުގެ ފުރުޞަތުވެސް އޮތް ޤައުމެކެވެ.
ހަމައެއާއިއެކު ބޭރުގެ ބޯޓުފަހަރު އާންމުކޮށް ދަތުރުކުރާ 3 މައި ކަނޑު އޮޅި ރާއްޖޭގައި އެބައޮތެވެ. އެހެންކަމަށްވާއިރު ވިޔަފާރީގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

ވިޔަފާރީގައި ރާއްޖެއަށް ލިބެންޖެހޭ ކުރިއެރުން ނުލިބި ލަސްވަމުން މިއައީ ބޭރުގެ ބޯޓުފަހަރަށް އެކަށީގެންވާ ޕޯޓެއް ރާއްޖޭގައި ނެތުމުންނެވެ. އެ ފަދަ ޕޯޓެއް ތަރައްޤީ ނުކުރެވި ލަސްވަމުން މިދަނީ އެކަމަށް ފުރަތަމަ އެކުލަވައިލެވުނު ޕްލޭނަށް އަމަލު ނުކުރެވި ލަސްވަމުން އައުމުންނެވެ.

އެކަން ކުރަން އުޅުނު ގޮތަށް އެކަން ނުކޮށް ކޮންމެ ސަރުކާރަކުންވެސް ތަފާތު ގޮތްގޮތަށް ބަދަލުކުރަމުން ގެންދާތީއެވެ.

އިޤްޠިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ހޯދުމަށްޓަކައި ފައިދާހުރި މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަލަށް ވަސީލަތްތައް ޤާއިމުކުރުމުގެ ބަދަލުގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ދާން މަސައްކަތްކޮށްފިނަމަ ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށްވެސް ޤަބޫލުކުރެއެވެ.
މިއަދު އޮންލައިން