ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ބޮޑުކަމުގެ ވާހަކަތައް އަދިވެސް ގިނަ ބައކު ދައްކައެވެ. މިފަދަ ވާހަކަތައް މިހާރު އެ ދައްކަނީ ރާއްޖެއިން މިހާރު ޚިދުމަތް ލިބެންހުރި ހެޔޮ އަގުތަކުގެ މައުލޫމާތު ނުލިބޭތީއެވެ.
އަވަށްޓެރި އިންޑިއާއަށް ބެލިނަމަވެސް ދުވާލަކަށް 300،000 ރުޕީސްއަށް ލިބޭ ކޮޓަރިތައްވެސް އެބަހުއްޓެވެ. 500،000 ރުޕީސްއަށް ލިބޭ ކޮޓަރިތައްވެސް އެބަހުއްޓެވެ. ހަމައެއާއިއެކު 3000 ރުޕީސްއަށް ލިބޭ ކޮޓަރިތައްވެސް އެބަހުއްޓެވެ. އަދި މީނޫން އަގުތަކަށްވެސް ލިބެން އެބަހުއްޓެވެ.
ރާއްޖެއަށް ބެލިނަމަވެސް ފެންނަން ހުރީ ހަމަ މިފަދަ ގޮތަކަށެވެ. ހެޔޮ އަގުގައި ކޮޓަރި ބޭނުންނަނަމަ ރެއަކަށް އެންމެ 50 ޑޮލަރަށްވެސް ކޮޓަރި ލިބެން އެބަހުއްޓެވެ. 2 ޑޮލަރަށް ކެއުމެއްވެސް ލިބެން އެބަހުއްޓެވެ. ހަމަ އެއާއިއެކު އެމީހަކު ބޭނުން ވަރެއްގެ ބޮޑު އަގުގައިވެސް ކޮޓަރި ލިބެން އެބަހުއްޓެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ މުހިންމީ ރީ ހުދު ވެލީގެ ގޮނޑުދޮށްތަކާއި ސާފު އަޑިފެންނަ މޫދެވެ. 50 ޑޮލަރުގެ ކޮޓަރިއެއް ހިފައިގެން ތިބޭ ފަތުރުވެރިންނަށް އެއްވެސް އިތުރު އަގަކާއި ނުލައި ލިބެންހުރި ގޮނޑޮދޮށްތަކާއި މޫދު ބައެއް ރިޒޯޓުތަކުގެ މޫދާއި ގޮނޑުދޮށަށްވުރެ މާރީތިވެފައި ހިތްގައިމެވެ.
މޫދަށް އެރުމުން ލޮލަށާއި ނޭފަތާއި ކަންފަތަށް ކިސަޑާއި ހިލަވެލި ވަންނަ މޫދުތަކާއި ރާއްޖޭގެ ރީތި ސާފު މޫދުގެ އަގުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުންނާނެކަން ޤަބޫލުކުރަންޖެހޭނެއެވެ.
ފަތުރުވެރިންނަށް ރާއްޖެ އަގުބޮޑުކަމުގެ ވާހަކައަކީ މިހާރު ދެއްކެން އޮތް ވާހަކައެއް ނޫނެވެ. މިހާރު ދައްކަން އޮތީ ރާއްޖެ އަގުހެޔޮ ކަމުގެ ވާހަކައެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމަށްވާ ރާއްޖެއިން ފެންވަރު ރަނގަޅު ޚިދުމަތްތައް ހެޔޮ އަގުގައި ލިބެންހުރިކަމުގެ ވާހަކައެވެ.