މުޅި ރާއްޖެ ފެންނަ އެންމެ ޒަމާނީ ޗާޓެއް ވިޒިޓް މޯލްޑިވްސް ވެބްސައިޓުގައި ހިމަނަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މުޅި ރާއްޖެ ފެންނަ އެންމެ ޒަމާނީ ޗާޓެއް ވިޒިޓް މޯލްޑިވްސް ވެބްސައިޓުގައި ހިމަނަނީ
މުޅި ރާއްޖެ ހިމެނޭ ވީއާރު ކޮލިޓީގެ 360 ޑިގްރީގެ ޗާޓެއް އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސް ވެބް ސައިޓުގައި ހިމަނަން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ގެކޯ، އިންޑޮނޭސިއާ އިން ހިލޭ ކޮށްދޭ މަސައްކަތެކެވެ.

އެމްއެމްޕީއާރުސީ އިން މިއަދު ބުނީ މިކަން ވެގެންދާނީ މިފަދަ ވެބްސައިޓެއްގައި ދުނިޔޭގައިވެސް ކުރެވޭ މިފަދަ ފުރަތަމަ މަސައްކަތް ކަމަށެވެ.



މި ޗާޓުގެ ސަބަބުން ރިޒޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތާއި ފޮޓޯތައް ފަސޭހަކަމާއިއެކު ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބަލައިލެވޭނެއެވެ. އެމްއެމްޕީއާރުސީގެ އެމްޑީ ހާރިސް ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ގެކޯ އިން ބުނީ މި ޗާޓުގައި ހިމެނުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޑްރާން އުދުއްސައި ވީޑިއޯ ކުރާނެ ކަމަށެވެ. މަތިންދާބޯޓުގައި ރާއްޖެމަތިން ދަތުރުކުރާއިރު ރައްޖޭގެ މަންޒަރުތައް ފެންނަ ހިތްގައިމުކަމާއިއެކު މި ޗާޓުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްވެސް ބަލައިލެވޭނެ ކަމަށެވެ.



ހާރިސް ވިދާޅުވީ މިއީ އެއް އަހަރު ދުވަހުގެ މަޝްރޫއެއް ނަމަވެސް 2018 ވަނަ އަހަރުގެ މާރިޗް މަހު އައިޓީބީ ފެޢާއަށް ދާއިރު ބޮޑުބައެއް ނިމިފައިވާނެ ކަމަށާއި ފެއާގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މަންޒަރުތައް ފަސޭހަކަމާއިއެކު ދައްކައިލެވޭނެ ކަމަށެވެ.

މިއީ ރާއްޖެ އިޝްތިހާރުކުރަން ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން