އާއަހަރާއި ދިމާކޮށް ތަފާތު އެކި ޑިޒައިންތަކުގެ ކަލަންޑަރުތައް ފެނެއެވެ. ތަފާތު އެކި މަންޒަރުތަކާއި މީހުންގެ ފޮޓޯތައް ވެސް ޖަހާފައި ހުންނަ ކަލަންޑަރުތަކެވެ.
ނަމަވެސް ސޯޝަލް މީޑިއާ ގެ އެކިއެކި ޕޭޖުތައް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ތަފާތު ރީތި ކުލަތަކަކުން މާމެލާ މެލި ޕެއިންޓްކޮށް ޑިޒައިން ކޮށްފައިވާ ކަލަންޑަރުތަކެކެވެ. ގުދުރަތީ ރީތިކަން އެކަލަންޑަރުން ފެންނަން ހުރި އިރު، ވަރަށް ވެސް ރީތި ލިޔުމަކުން ލިޔެލާފައި ހުރީ ތަފާތު އެކިއެކި އިބްރަތްތެރި ބަސްކޮޅު ތަކެކެވެ. އެބަސްކޮޅުތައް ކިޔާލާ ކޮންމެ މީހަކަށްމެ، ހިތްވަރު ލިބޭ ފަދަ ބަސްކޮޅުތަކެކެވެ.
މިފަދަ ތަފާތު ޚިޔާލެއް މިހާ ފުރިހަމައަށް އެންމެންނަށް ފޯރުކޮށްދީފައިވަނީ ވަރަށް ވެސް ހީވާގި ކަނބަލެއް ކަމުގައިވާ އާމިނާ ފާތިނާ އެވެ.
"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި އާމިނާ ބުނެފައިވަނީ، ޕެއިންޓިންގ ގެ މަސައްކަތް އޭނާ ކުރާތާ ދެއަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް ކަލަންޑަރެއް ފަރުމާކޮށް އޭނާ އުފެއްދި މިއީ ފުރަތަމަ ފަހަރެވެ.
"ކަލަންޑަރު ހެދި ފުރަތަމަ ފަހަރު މިއީ. މީގެ އިތުރުން ވެޑިންގ ދައުވަތު ކާޑާއި، ހޯމް ޑެކޯސް ވެސް ހަދަން. ކަސްޓަމަރުން ރިކުއެސްޓް ކުރާ އެއްޗެހީގެ ތެރެއިން ފެން ކުލަ ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ހުރިހާ އެއްޗެއް ވެސް ހަދަން" އާމިނާ ކިޔާދިނެވެ.
އާމިނާ ކުރާ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯޓަރ ކަލަރ ޕެއިންޓިންގ އެވެ. އޭގެ އިތުރުން ލެޓަރިންގ (ތަފާތު ރީތި ގޮތްގޮތަށް ޚަފްލާތަކުގައި ނަން އަޅާދިނުން) ވެސް ހިމެނެއެވެ.
ކުރެހުމަކީ އަބަދުވެސް އައިމިނާ ކުރާ ހިތްވާ ކަމެކެވެ. އެހެންކަމުން އޭނާގެ މިމަސައްކަތަކީ "ކަމެއް ފަށަން ވެގެން" ފެށި މަސައްކަތެއް ނޫން ކަމުގައި އައިމިނާ ބުންޏެވެ.
"އަބަދުވެސް ކުރަހަން. މިހާރު ދެން މިކުރާ މަސައްކަތް ކުރަން ފެށުނު ގޮތަކީ، އެހެން ފެންނަ ހިތްވަރު ލިބޭ ބަސްކޮޅުތައް ސޭވް ކުރަން ފެށީ. ދެން ފޯނުގެ ހާޑް ޑިސްކު ފުރޭވަރުން އެބަސްކޮޅުތައް އަތުން ލިޔަން ފެށީ. ދެން އަތުން ލިޔުނު ލިޔުންތައް އިންސްޓަގްރާމް އަށް ލާން ފެށީ. އެއީ ވެސް އެބަސްކޮޅުތައް ސޭވް ކޮށްފަ ބަހައްޓަން ވެގެން. ދެން އެގޮތަށް ލިޔަން ފެށީމަ ލެޓަރިންގ އަށް ޝައުގުވެރިކަން އުފެދުނީ. އެހިސާބުން ދެން މިމަސައްކަތް ކުރިއަށް ދިޔައީ"
އާމިނާ މިހާތަނަށް ލިޔެދީފައިވާ ލިޔުންތަކާއި، ކުރެހުންތަކަށް އޭނާގެ ކަސްޓަމަރުން ވަނީ ސަނާ ކިޔާފައެވެ. އެންމެން ވެސް ބުނަނީ އެމަންޒަރުތަކާއި އަކުރުތައް ވަރަށް ވެސް ރީތިވެފައި އެހެން ކުރެހުންތެރިން ކުރާ މަސައްކަތްތަކާއި އަޅާ ބަލާފައި ވަރަށް ތަފާތު ކަމަށެވެ.
މިއަހަރު އަލަށް އޭނާ ތަޢާރަފްކުރި ކަލަންޑަރުތަކަކީ، ހިތްވަރު ލިބޭފަދަ ބަސްކޮޅުތަކެއް ހިމަނައިގެން އުފައްދާފައިވާ ކަލަންޑަރުތަކެކެވެ. މިއީ މިއަހަރު ފެށުނީއްސުރެ އޭނާ ކުރަން ގަސްތުކޮށްފައިވާ މަސައްކަތެކެވެ.
މިކަލަންޑަރުތަކާއިމެދު އާމިނާ ބުނީ "އަސްލު ބޭނުންވީ ވަރަށް ގިނަ މީހުންނަށް މިމެސެޖުތައް ފޯރުކޮށްދޭން. ކޮންމެ މީހަކަށް ޕެއިންޓިންގ އެއް އެފޯޑް ވެސް ނުކުރެވިދާނެ. އެކަމަކު ކަލަންޑަރެއްގެ ސިފައިގާ މިފަދައިން ޕެއިންޓިންގ ހެދުމުން، ތަފާތު އެކިކަހަލަ ޕެއިންޓިންގ ވެސް ލިބޭނެ ކަމަށް ވިސްނާފަ މިކަން ފެށީ"
ޕެއިންޓިންގ ތައް އުފެއްދުމުގެ ގޮތުން އާމިނާއަށް އެންމެ ގިނައިން ކުރަން ލިބޭ މަސައްކަތަކީ، ވެޑިންގ އިންވައިޓްސް ހެދުމެވެ. ގޭތެރޭ ކަންތައްތައް ބަލަހައްޓަމުން، ކަސްޓަމަރުން ބުނާ ދުވަހަކަށް ބުނާ ވަގުތަކަށް ދޭ އޯޑަރުތައް ނިންމުމަކީ އާމިނާ އެންމެ އިސްކަންދޭ އެއްކަމެވެ.
މިފަދަ ބުރަ މަސައްކަތެއް ކުރާއިރު ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ ކޮބާތޯ އަހާލީމެވެ.
"ބައެއް މީހުންނަށް ނޭނގުން، މިއީ އަސްލު ވަރަށް ބުރަ މަސައްކަތެއްކަން. އެއީ އެންމެ ދަތިކަމަކަށް ފާހަގަ ކުރެވިފައިވާ ކަމަކީ." އާމިނާ ބުންޏެވެ.
ކުރެހުމުގެ ތަފާތު އެކި މަސައްކަތްތައް ކުރުމަށް އާމިނާ ބޭނުންކުރާ ހުރިހާ ސާމާނަކީ ވެސް ބޭރުން ގެންނަ ސާމާނެވެ. ކަސްޓަމަރުން އޯޑަރ ދިން ނަމަވެސް، މަސައްކަތް ފުރިހަމަކަމާއިއެކީ ނިންމުމަށް ބޭނުން ކުރަނީ އަމިއްލަ މެޓީރިއަލް އެވެ.
އެންމެންނަށް ވެސް އެނގޭނޭ ފަދައިން، ގޭތެރޭގެ މަސައްކަތް ކުރަމުން މިފަދަ އަމިއްލަ މަސައްކަތެއް ކުރުމަކީ ވަރަށް ވެސް ބުރަ މަސައްކަތެކެވެ. އާމިނާގެ މިމަސައްކަތުގައި އޭނާގެ އާއިލާ އާއި ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.
އާމިނާ ވިއްކާ ކަލަންޑަރު ހުންނަނީ ދެ ސައިޒަކަށެވެ. އެއީ ފާރުގައި ހަރުކުރާ ވައްތަރުގެ އޭ3 ސައިޒުގެ ކަލަންޑަރާއި މޭޒުމަތީގައި ބަހައްޓާ ވައްތަރުގެ އޭ5 ސައިޒުގެ ކަލަންޑަރެވެ.
އާމިނާގެ ހުނަރުވެރި މަސައްކަތްތައް އޭނާގެ ފޭސްބުކް ޕޭޖް Amina of the Sea އިން ފެންނަން ހުރެއެވެ.