އެސްޓީއޯއިން ވެސް ހުޅުމާލޭގައި ދެ ޓަވަރު އަޅަން އިއުލާންކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯއިން ވެސް ހުޅުމާލޭގައި ދެ ޓަވަރު އަޅަން އިއުލާންކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކި ބިމުގެ ސަރަހައްދުގައި 14 ބުރީގެ ދެ ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާންކޮށްފައިވެއެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮންމެ ޓަވަރެއް އަޅަން ހަމަޖެހިފައިވަނީ 12000 އަކަފޫޓުގެ ބިމެއްގައި ކަމަށާއި ޓަވަރު އަޅަން ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން އެ ކުންފުންޏަށް ބިޑް ހުށައަޅަންވާނެކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ހިންގާ 'ހިޔާ' މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ. ޓަވަރުތައް އަޅަން ނިންމާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ 246 ހެކްޓަރުގެ ބިމުގެ ސަރަހައްދުގައެވެ.

އޭގެ ތެރެއިން 25 ބުރީގެ 16 ޓަވަރު އަޅަން ސަރުކާރުން ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން ކުންފުންޏަށް ހަވާލުކޮށްފައެވެ.

ބައެއް ޓަވަރުތައް ސަރުކާރުން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހަވާލުކޮށްފައިވާއިރު، އެ ކުންފުނިތަކުން ދަނީ ޓަވަރު އަޅާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ. އެގޮތުން އެމްޓީސީސީ، ކަސްޓަމްސް، އައިލެންޑް އޭވިއޭޝަން، އެމްޑަބިލިޔުއެސްސީ، ފެނަކަ ކޯޕަރޭޝަން، އެމްއާރުޑީސީ، ސްޓެލްކޯ، އެމްއެންޔޫ، އެމްޕީއެލް، އިސްލާމިކް ޔުނިވާސިޓީ، އަދިވެސް ބައެއް ކުންފުނިތަކުން އިއުލާންކޮށްފައިވެއެވެ.

އެމްޓީސީސީއިން ވަނީ އިއުލާންކުރި ދެ ޓަވަރު އަޅަން ސިންގަޕޫރުގެ އާރްއައި ވޯކްޝޮޕް ކުންފުންޏާ ހަވާލުކޮށްފައެވެ.
މިއަދު އޮންލައިން