ގދ. ވާދޫ އަށް އުފަން އަރުޝަމް އިބްރާހިމް އަކީ އެފަދައިން ދިރިއުޅުމަށާއި މުސްތަޤްބަލަށް ފޮނި އުންމީދުތަކެއް ކުރަމުން އައި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެކެވެ. އާއިލާގައި އޭނާގެ އިތުރުން ނުވަ ކުދިން ތިބިއިރު، މީގެ ތިން އަހަރު ކުރިން ކެންސަރު ބަލީގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން އެއާއިލާއަށް ވަރަށް ބޮޑު އުނިކަމެއް އައިސް، ދަތިތަކަކާއި ކުރިމަތިވިއެވެ.
އެއާއިލާއަކީ އެހާ ފޯރާ އާއިލާއަކަށް ނުވުމުން، ހޯދަން ބޭނުންވާ ބައެއް އެއްޗެހި ވަނީ ނުހޯދިފައެވެ. އަރުޝަމް ސްކޫލަށް ދަނީ ވެސް ހިނގާފައެވެ. ބައިސްކަލެއް ލިބިއްޖެނަމަ އެދަތިކަން ފިލާނެކަމަށް ޤަބޫލު ކުރެވުމުން، އަރްޝަމް ބޭނުންވީ ބައިސްކަލެއް ގަންނަން ފައިސާ ހޯދުމަށް ބޭބެއަކާއި އެކީ މަހަށް ދަށެވެ. ނުހަނު ހިތްވަރާއިއެކީ އެމަސައްކަތް އަރުޝަމް ކުރިއެވެ.
އަރުޝަމް ދެކުނު ހުވަފެންތަކުގެ ތެރޭގައި، އައްޑޫ ސިޓީ ބަލާލުން ވެސް ހިމެނެއެވެ. އެފުރުސަތު އޭނާއަށް ލިބުނީ ދުރުތާ ތިމާގެ ބޭބެއެއްގެ ފަރާތުންނެވެ. އަރްޝަމް އާއިއެކު އައްޑޫއަށް ދިޔަ ދިޔަ އޭނާގެ ދުރުތާ ތިމާގެ ބޭބެއެއް ކަމަށްވާ މުޙައްމަދު ޖުނައިދު ބުނިގޮތުގައި، އައްޑޫއަށް އެމީހުން ދިޔައީ ހަދަން ގެންގޮސްފައި ހުރި ޖަނަރޭޓަރެއް ނިމޭނެއޭ ބުނުމުން އެބަލައެވެ. އިއްޔެ ނޫން ކުރީ ދުވަހުގެ ހަވީރު އައްޑޫއަށް ދިޔައިރު ޖަނަރޭޓަރު އަދި ނުނިމި ހުރުމުން އައްޑޫގައި މަޑުކުރީ ކަމަށް ވެސް ޖުނައިދު ބުންޏެވެ.
އަންނަ އަހަރު ގްރޭޑް އަށެއްގައި ތައުލީމް ހާސިލްކުރަން ތައްޔާރުވަމުން ދިޔަ އަރްޝަމް އަބަދުމެ ބުނަމުން ދިޔައީ އޭނާ ބޭނުންވަނީ ކިޔަވައިގެން މޮޅު ކުއްޖަކަށްވެ، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭށެވެ. އެކްސިޑެންޓްވުމުގެ ކުދައިރުކޮޅެއް ކުރިން ޖުނެއިދު މެންނާއިއެކު ރެސްޓޯރެންޓެއްގައި އިނދެވެސް އަރުޝަމް ދެއްކީ އެވާހަކައެވެ.
އަރުޝަމް އެކްސިޑެންޓު ވެފައިވަނީ އިއްޔެ ހެނދުނު 9:50 ހާއިރު އައްޑޫގައެވެ. ތިމާގެ މީހެއްގެ ގެއަށް ދިޔުމަށް އެހެން ތިމާގެ ކުއްޖެއްގެ ސައިކަލު ފަހަތުގައި އިންއިރު، އެކްސިޑެންޓުވީ ޕިކަޕަކާއި ޖެހިއެވެ.
އެކްސިޑެންޓު ވިތާ މާގިނަ އިރުތަކެއް ނުވަނީސް އަރުޝަމް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ ހައެއްކަ ގަޑިއިރު ފަހުން، އަރުޝަމް މިދުނިޔެއާއި އަބަދުމެ އަބަދަށް އަލްވަދާއު ކިޔެވެ.
ފޮނި އުންމީދުތަކެއް ކުރަމުން ދިޔަ އަރުޝަމް އެންމެ ބޮޑަށް ނަން މައްޝޫރުވެފައިވަނީ މޮޅަށް ރާޅާ އަޅާ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ މުޅި އާއިލާއަކީ ވެސް ރާޅާ އެޅުމަށް މޮޅު އާއިލާއެވެ.
އަރުޝަމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އައްޑޫގައި ބޭއްވުނުއިރު، އެޖަނާޒާގައި އޭނާގެ އެއްބަނޑު އެއްބަފާ ތިން ބޭބެ ބައިވެރިވިއެވެ. މަންމަގެ ހާލު ދެރަވެފައިވުމުން، މަންމައަށް ބައިވެރިވެވޭ ގޮތެއް ނުވިއެވެ.